އުސޫލެއްނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތަކަށް ތާއީދެއްނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމާއެކު މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ބައްދަލު ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުޢިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ރައީސް ޔާމީން އުފައްދަވާފައިވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަށް އިޝާރަތް ކުރައްވާ ވިދާޅުވީ އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ.
ހަމަ އެހެންމެ ރައީސް މުޢިއްޒު މަޤާމުން އަޒުލު ކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތުގައި ބައިވެރި ނުވާނެ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް މުޢިއްޒު މަޤާމުން އަޒުލު ކުރުމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވާނަމަ އެކަންވެސް ބަލާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ އައުޓް ކެމްޕޭނު އަލުން ފަށާފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެކަމުގައި އެއްވެސް ޝައްކެތްނެތް ކަމަށާއި އިންޑިއާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތް މާދަމާ އަލުން ފަށާނެ ކަމަށެވެ.