ރާއްޖޭގެ ތިން ރަށެއްގައި މަސް ބަންދުކުރާ ތިން ކާރުހާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެވެ.
މި އެއްބަސްވުމުގެ ދަށުން ކާރުހާނާ ހެދުމަށް ނިންމާފައި ވަނީ ޅ. ފެލިވަރާއި، ދ. މާދެލި އަދި ގދ. ފިޔޯރީ ގައެވެ.
މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ފެކްޓަރީއަކީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި މި ފެކްޓަރީއިން 100 ޓަނުގެ މަސް ބަންދުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ދ. މާދެލީގައި ހަދަނީ 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހަރަދު ކޮށްގެން 50 ޓަނުގެ މަސް ބަންދު ކުރެވޭ ކާރުހާނާއަކާއި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.
މީގެ އިތުރުން ގދ. ފިޔޯރީގައި ތަރައްޤީ ކުރަނީ 75 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާ އެކެވެ.