ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.
މިކަން ހާމަކޮށް މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ކައިރީ، ބަނާނާ ރީފް ކައިރިން ”ބްލޫ ސާޖަން“ ނަމަކަށް ކިޔާ ލޯންޗަކާއި ޑިންގީއެއް ޖެހިގެން އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 20:07 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ ލޯންޗް ދަތުރު ކުރަމުން ދިޔައީ ހިންމަފުށިން ޝެރަޓަން ރިސޯޓަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާގައި ޑިންގީގައި ތިބި ބިދޭސީއަކާއި ދިވެއްސަކަށް އަނިޔާވެފައިވާ ކަން ހާމަކޮށް ފުލުހުން ބުނީ އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން މި ހާދިސާ ހިނގިއިރު، ލޯންޗުގައި 22 މީހުން ތިބި ކަމަށާއި ނަމަވެސް އެ މީހުންނަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
![]()
