މިދިޔަ ސަރުކާރުގައި އާރްޑީސީގެ މެނޭޖްމަންޓުން ޚިޔާނާތް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޒް އިސްމާއީލްއަށް އަންގައިފިއެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފައްޔާޒުއަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރުއެވެ.
ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު އެކްސްގައި ހިއްސާކުރައްވައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރްޑީސީގެ ކުރީގެ މެނޭޖްމަންޓުން ޚިޔާނާތްވެފައިވާ ކަމަށް ބުނެ ބަލަމުންދާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ.“ ފައްޔާޒު ވިދާޅުވިއެވެ.
ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރާ ކަމަށް ވިދާޅުވެ ފައްޔާޒުގެ ޕޯސްޓުގައި ވަނީ އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.