މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިއީ 2009 ވަނަ އަހަރަށްފަހު ފުލުހުންގެ އަސާސީ މުސާރައާއެކު މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށާއި މުސާރައިގެ އާ އޮނިގަނޑާއެކު ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެ ބަދަލު ގެނައީ ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެލަވަންސް ތައާރަފު ކުރުމުގެ ގޮތުން ކަމަށް ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ވަޒީފާގެ އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ އެލަވަންސް ކަމަށް ޝިފާން ވިދާޅުވެފައި ވެއެވެ.
![]()
