މާދަމާ، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މިހިނގާ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހަކީ، ހިޖުރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01 ވަނަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29، (މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 10) ވީ އާދީއްތަ ދުވަހުގެ އިރު އޮއްސޭއިރު، ދިވެހިރާއްޖެއަށާއި އިސްލާމީ ގިނަ ޤައުމަތަކަށް ވެސް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނޭ ކަމަށް، އިތުބާރުހުރި، ފަލަކީ ހިސާބުން ކަށަވަރުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅީ ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
![]()
