އިންޑިޔާގެ އެންމެ ބޮޑެތި ބަނދަރުތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ 11 ޔުނިއަނަކުން އިސްރާއީލަށް ހަތިޔާރު އުފުލާ ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގެ މަސައްކަތް ނުކުރާނެކަމަށް ބުނެއެކަން ކުރުމަށް ދެކޮޅު ހަދައިފިއެވެ.
މަސައްކަތު މީހުންގެ ޔުނިއަނުން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހަނގުރާމަ ކުރަމުންދާއިރު އިންޑިއާގައި އުފައްދާފައިވާ ޑްރޯން ޓެލްއަވީވަށް ފޮނުވަން ބޯޓުފަހަރަށް ބަރުކުރަން އެމީހުން މަސައްކަތް ނުކުރާނެކަމަށެވެ.
އިންޑިއާގެ ވޯޓަރ ޓްރާންސްޕޯރޓް މަސައްކަތު މީހުންގެ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީން އާއި ދެކޮޅަށް އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމާގައި ބޭނުން ކުރަން އިސްރާއީލަށް ނުވަތަ އެހެންގައުމަކަށް ގެންދަން ބޭނުންވާ ހަތިޔާރު އަރުވާ ބޭލުމުގެ މަސައްކަތް އެ ފެޑެރޭޝަނުގެ މަސައްކަތުމީހުން ނުކުރާނެ ކަމަށެވެ.
އަހަރެމެން ހުރިހާ ވަގުތެއްގައިވެސް ތިބޭނީ ކޮންމެ ފަނާކުރަނިވި ހަނގުރާމައަކާ ނުބެހޭ މައުސޫމު އާންމު ރައްޔިތުންނާއި ކުޑަކުދިންނާއި މައިން މަރަން ބޮންއަޅާ ވިއްސިވިހާލި ކުރަމުން ގެންދާ ބަޔަކާއި ދެކޮޅަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ވޯޓަރ ޓްރާންސޕޯރޓް މަސައްކަތުމީހުންގެ ފެޑެރޭޝަނުގައި އިންޑިޔާ ސަރުކާރަށް ނިސްބަތް ކުރެވޭ ބޮޑެތި 11 ބަނދަރެއްގައި 3500 އަށް ވުރެން ގިނަ މަޖޫރީން ހިމެނޭ ޖަމާޢަތެކެވެ.
ވޯޓަރ ޓްރާންސްޕޯރޓް މަސައްކަތުމީހުންގެ ފޭޑެރޭޝަންގެ އާންމު ސެކްރެޓަރީ ޓީ. ނަރެންދުރަ ރާއޯ މިޑްލް އީސްޓް އައި އަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ އިސްރާއީލަށް ހަތިޔާރާއި އިންސާނުންގެ ފުރާނައަށް ގެއްލުން ދެވިދާފަދަ ގޮވާއެއްޗެހި ހިމެނޭ ކާރގޯ ބަރުކުރުމާއި ބޭލުން އެ ފެޑެރޭޝަނުން ބޯއިކޮޓް ކުރާނެ ކަމަށެވެ.
މިވަގުތު މި ޢިއުލާން ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނާއިއެއްބައިވަންތަކަމުގެ ރަމްޒީ ކަމެއް ނަމަވެސް އިސްރާއީލަށް ފޮނުވޭ ކޮންމެ ހަތިޔާރު ޝިޕްމެންޓަކަށް މަޖޫރީން ބެހޭނެކަމަށާއި އަދި އެފަދަ ހަތިޔާރު އަރުވާބޭލުމުގެ މަސައްކަތެއް ނުކުރާނެއެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުވުމަށް އަހަރެމެން އަދާކުރަންޖެހޭ ވާޖިބުގެތެރެއިން މިވަގުތަށް އަދާކުރެވެން އޮތް މިންވަރަކީ މިއީކަމުގައެވެ.
އިންޑިއާގެ ވޯޓަރ ޓްރާންސްޕޯރޓް މަސައްކަތު މީހުންގެ ފެޑެރޭޝަނުން މި ބޯއިކޮޓް ކުރުން އިއުލާން ކޮށްފައިވަނީ ދަ އިންޑެޕެންޑެންޓް ނޫހުގައި އިންސާނީ ކަރާމަތަށް ބިނާކޮށް މީގެފަހުން އިސްރާއީލުގެ ފުލުހުންނަށް ޔުނިފޯރމް މީގެފަހުން ފަހާ ނުދޭނެކަމަށް އިންޑިއާގެ ކުންފުންޏަކުން ނިންމާފައިވާކަން ހާމަކޮށްފައިވާ ދުވަސްވަރެއްގައެވެ.
މި ޖަމާޢަތަކީ ދުނިޔޭގެ ވޯލްޑް ފެޑެރޭޝަން އޮފް ޓްރޭޑް ޔުނިއަންގެވެސްމެމްބަރެކެވެ. ވޯލްޑް ފެޑެރޭޝަނުން މިދާކަށް ދުވަހު ގްރީކްގެ އެތެންސް ގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުން ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެއްބައިވަންތަ ކަމުގައި ދެމިތިބެ ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި އަދާކުރަންޖެހޭ ކަންކަމުގައި ފަސްނުޖެހުމަށެވެ.
އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި 12 ބަނދަރު ހިންގަމުންގެންދާ އަދާނީ ގުރޫޕުން ބުނެފައިވަނީ އިންޑިއާއިން އިސްރާއީލަށް 900 ޑްރޯން ފޮނުވާދީފައިވާ ކަމަށެވެ. އެހެންނަމަވެސް އިންޑިއާއިން އަދި އިސްރާއީލަކުންވެސް މިކަމާއި ގުޅިގެން ވާހަކައެއް ނުދައްކައެވެ.
އިސްރާއީލުގައި މަސައްކަތް ކުރަމުން ގެންދާ ފަލަސްތީނުގެ ރައްޔިތުން ގެ ބަދަލުގައި އިންޑިއާގެ މަސައްކަތްތެރިން ބޭނުންކުރުމަށް އިސްރާއީލުން ގަސްދުކޮށްފައިވާތީ އިންޑިއާ ސަރުކާރުން ގެންދަނީ އިސްރާއީލަށް ބޭނުންވާ މަސައްކަތުމީހުންވެސް ތަމްރީނު ކޮށްދެމުންނެވެ. އަދި ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވިއްސަކަށް ހާސް އިންޑިއާ މީހުން އިސްރާއީލުގެ ވަޒީފާތަކަށް ފޮނުވޭނެކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.