އިސްލާމީތާރީޚުގެ ތެރެއިން ޙަޖަރުލް އަސްވަދު -1

Loading

Facebook
Twitter
WhatsApp

ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސް ނުވާނެއެވެ. ހަމަ އެއާއިއެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާ ގުޅިފައިވާ ކަމަކަށް ވުމާއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާކަމެކެވެ. 

އެ ހާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާ ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު އޭނާއަށް ލިބިދޭތީއެވެ. އެހެންވީމާ ތާރީޚުގެ ޙާދިސާތައް އުނގެނެމުން ދާއިރު މިކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. 

ކިއުންތެރިންނަށް ތާރީޚީ އެކިއެކި ޙާދިސާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ސަންދާނުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަމެކެވެ. އެހެންނަމަވެސް ތާރީޚީ ދަރުސްތައް ލިބިގަންނައިރު ކުރިން އިޝާރާތްކުރި ނުކުތާގެ މައްޗަށް ސަމާލުކަން ދިނުން އެދެމެވެ. މިފަހަރު އަޅުގަނޑުމެން މަޢުލޫމާތު ޙިއްސާކޮށްލަން ގަސްދުކުރަނީ މުޅި އިސްލާމީ އުންމަތުގައިވެސް ވަރަށް ޚާއްސަ މަގާމެއް ލިބިފައިވާ އެއްޗަކާއި ބެހޭގޮތުންނެވެ.             

މުޅި އިސްލާ އުންމަތުގައިވެސް ޙަޖަރުލް އަސްވަދަށް ދެވިފައިވަނީ ވަރަށް މުގައްދިސް މަގާމެކެވެ. އެހެންކަމުން މާޒީގެ ތާރީޚުތަކުގައި ޙަޖަރުލް އަސްވަދަށް ދިމާވެފައިވާ ބައެއް ޙާދިސާތަކަށް އަލި އަޅުވާލެވޭތޯ ބަލާނަމެވެ.        

ހުރިހާ މުސްލިމުން އެއްވެސް އިސްތިސްނާއެއް ނެތި ގަބޫލުކުރާ ގޮތުގައި ޙަޖަރުލް އަސްވަދަކީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި މާތް ﷲ އިބްރާހީމްގެ ފާނަށް ދެއްވި މަތިވެރިވެގެންވާ ދެއްވުމެކެވެ. ދުނިޔާގައި އެއްވެސް ހިލައެއް އޭގެޒާތަށް އެއްވެސް ބަދަލެއް ނައިސް ހަތަރުހާސް އަހަރަށްވުރެން ގިނަދުވަސް ވެފައިވާކަން ތާރީޚުން އެނގޭކަށް ނެތެވެ.

މާތް ﷲ ގެ އަމުރުފުޅާއި އެއްގޮތަށް އިބްރާހިމްގެފާނު ގެފުޅު ބިނާކުރައްވައި ޙަޖަރުލް އަސްވަދޭ ކިއުނު ހިލަކޮޅު ބަހައްޓަވަން ޖެހިވަޑައިގެންނެވި މަގާމުގައި އެ ހިލަކޮޅު ބެހެއްޓެވިއެވެ. މިއީ މުޅި އިސްލާމީ އުންމަތަށް އެނގި ގަބޫލު ކުރާ ޙަގީގަތެކެވެ.

އެހެންނަމަވެސް އޭގެފަހުން އެހިލަކޮޅަށް މެދުވެރިވި ބައެއް ޙާލަތުތަކަކީ ހާމަގޮތެއްގައި އިސްލާމީ އުންމަތަށް އެނގޭ ކަންތަކެކޭ ނުބުނެވޭނެއެވެ. ކަމުގެ ޙައްސާސްކަމާހުރެ އިލްމުވެރިންވެސް މި މައިޟޫއުގައި ވާހަކަފުޅު ދައްކަވަމުން ނުގެންދަވާތީއެވެ.                       

އިބްރާހީމްގެފާނަށް ފަހުގައިވެސް ގެފުޅުގެ ޢިމާރާތް އެތައްފަހަރަކު އާބާތުރަ ފިލުވާފައިވާކަން ތާރީޚުން އެނގެއެވެ. އިސްލާމްދީން އައުމުގެކުރިން އެކަންކުރިބަޔަކުވެސް ޙަޖަރުލް އަސްވަދަށް ދީފައިވާ ޚާއްސާ މަގާމެއްގެ ސަބަބުން ގެފުޅުގެ އާބާތުރަ ފިލުވުމައި ބޭނުންކުރެވުނު ހިލަތައް ބަދަލު ކުރެވެމުންދިޔަ ނަމަވެސް ޙަޖަރުލަ އަސްވަދު އޭގެ ޒާތުގައި ގެފުޅުގައި ބޭއްވުނެވެ. 

މާތްނަބިއްޔާގެ ޒަމާނުގެ އެ ހިލަކޮޅު އެ މަގާމުގައި ބޭއްވުނީ އެކަލޭގެފާނުގެ މާތް އަތްޕުޅުންކަން ސިޔަރަތުންވެސް އަޅުގަނޑުމެންނަށް އޮތީ އޮޅުންފިލުވައި ދީފައެވެ. އެންމެފަހުން ގެފުޅުގެ ޢިމާރާތުގެ އާބާތުރަ ފިލުވާފައިވަނީ 1997 ވަނައަހަރުގައެވެ.

ކީރިތި ރަސޫލާގެ ގާތްގަނކަށް ސަތޭކަވަރަކަށް އަހަރުކުރިން ޔަމަނުން މައްކާއަށް ހިޖުރަކޮށް ގެންތިބި ޖުރްހުމް ގަބީލާއާއި މައްކާގައި ހަތަރުސަތޭކަ ވަރަކަށް އަހަރުދުވަސް ވާންދެން ދިރިއުޅެމުން އަންނަ ބަނޫ ޚުޒާއަތު ގަބީލާގެ މީހުންނާ ދެމެދު ހިނގާދިޔަ ދާޚިލީ ދެކޮޅުވެރިކަމެއްގެ ތެރޭގައި ޖުރްހުމް ގަބީލާ ބަލިވުމުން އެކަމުގެ ރުޅީގައި  ގެފުޅުން ބައެއް ހަލާކުކޮށްލައި ޙަޖަރުލް އަސްވަދު ނަގައިގެންގޮސް ދުރު ހިސާބެއްގައި ވަޅުލީ ކަމަށް ބުނެވެއެވެ. 

ކަންތައްދިމާވި ގޮތުން އެމީހުން އެކަން ކުރަމުން ދިޔައިރު ހިނގަމުންދިޔަ ތަޅާފޮޅުންދެކެ ބިރުން ފިލަން އޮތް އަންހެނަކަށް އެތަންފެނިގެން ފަހުން އެމަޢުލޫމާތު ފޯރުކޮށްދިނުމުން ދެވަނަފަހަރަށް ޙަޖަރުލް އަސްވަދު ގެނެސް އޭގެ މަގާމުގައި ބެހެއްޓުނީއެވެ.                                                    

ގިނަ އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ޖުރްހުމް ގަބީލާގެމީހުން ޙަޖަރުލްއަސްވަދު ނަގަން އުޅުމުގެ ތެރޭގައި ކޯރާޑިއަކުން ތެޅުމުގެ ސަބަބުން އެ ހިލަކޮޅަށް ގެއްލުންލިބުނެވެ. އެހެން ބައެއް އިލްމުވެރިން ބުރަވެވަޑައި ގަންނަވަނީ ކޯރާޑީން ތެޅުމުގެ ސަބަބުން ޙަޖަރުލް އަސްވަދުގައި ރެނދުތަކެއްލީކަމަށެވެ. ނަމަވެސް އެ ހުރިގޮތަކަށް ގެނެސް އަލުން ބެހެއްޓީ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ އަތްޕުޅުން އެ ހިލަކޮޅު އޭގެ މަގާމުގައި ބެހެއްޓެވި ޙާދިސާއާއި ހަމަޔަށް އެގޮތުގައި އެހިލަކޮޅު ބެހެއްޓިފައި ހުރީއެވެ.                                

ޙަޖަރުލް އަސްވަދަށް ދެންދިމާވި ޙާދިސާއަކީ ކީރިތި ނަބިއްޔާގެ ފަހުން އަބްދު ﷲ އިބްނު ޒުބައިރުގެ ވެރިކަމުގައި ޙައްޖާޖު އިބުނު ޔޫސުފް މައްކާއަށް ޙަމަލާދީ އަތުބޮން އުކައިގެން ގެފުޅުގެ ބައެއް އަންދާލައި ޙަޖަރުލްއަސްވަދު ތަޅާލީ ކަމަށްބުނެވެއެވެ. 

އެއަށްފަހު ކުރިމަގުގައި ޙަޖަރުލް އަސްވަދު ރައްކާތެރ ިކުރުމުގެ ބޭނުމުގައި އަބްދު ﷲ އިބްނު ޒުބައިރަށް ލިބިވަޑައިގެންފައިވާ ވަސީލަތްތައް ބޭނުން ކުރައްވައިގެން ޙަޖަރުލް އަސްވަދުގެ ވަށައިން ކޭސިން އެއް ހައްދަވައި ބޭރުކައިރީގައި ވޮއްޓެއް ލެއްވީއެވެ. 

އެގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް ހިޖުރައިން 119 ވަނަ އަހަރު ހިސާބުގައި ހާރޫން ރަޝީދުގެ ޚިލާފަތުގައި ގެފުޅުއަރިހުގައި ތަވާފުކުރައްވަމުން ވަޑައިގަންނަވަނިކޮށް ޙަޖަރުލް އަސްވަދުގެ ކޭސިން އާއި ވަށައިގެން ލައްވާފައިހުރި ވޮށި ފެނިވަޑައިތުމުން އެއަށްވުރެން ފެންވަރު ރަނގަޅުގޮތެއްގައި އެ ކޭސިންއާއި ވޮށި ހައްދަވައި ޙަޖަރުލް އަސްވަދު ހިމާޔަތްކުރަން ގަސްދުކުރެއްވިއެވެ. 

އަބްދުﷲ އިބްނު ޒުބައިރު  ބޭނުންކުރެއްވި މައުދަނުގައި ހުރީ ދަބަރުޖަހާފައެވެ. މިތާނގައި ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ޢަބްދުﷲ އިބްނު ޒުބައިރުގެ ވެރިކަމުގައި އެމަނިކުފާނުވެސް ޙަޖަރުލް އަސްވަދު ޙިމާޔަތް ކުރުމުގެ ކަންތައް ކުރައްވާފައިވަނީ ލިބިވަޑައިގެންފައި ހުރި ވަސީލަތްތައް އެންމެފުރިހަމަ މާނައިގާ ބޭނުންފުޅު ކުރައްވައިގެންނެވެ.

އެހެންނަމަވެސް ހާރޫނު ރަޝީދާއެއްވެސް ގޮތަކުން އެއްފަދަ ނުކުރެވޭނެއެވެ. ހާރޫން ރަޝީދުގެ ޒަމާނަކީ ތައުލީމާ ތަހްޒީބާއި ތަރައްގީގެ މަގުތަކުގައި އިސްލާމީ އެންމެ ބާރުގަދަ ދައުލަތް ބަޣްދާދުގައި އުފަންކުރެވިފައިވާ ޒަމާނެވެ. 

އެއްހާސް އެއްރޭގެ ނަމުން މަޝްހޫރު ވެފައިވާ ބަޣްދާދެވެ. ހާރޫން ރަޝީދުގެ ބާރުގެދަށުގައި ހުރި ވަސީލަތްތަކާއި އަގުބޮޑު މަޢުދަނާއި ފަންނުވެރިންގެ ބޭނުންފުޅު ކުރައްވައިގެން ޙަޖަރުލް އަސްވަދު ޙިމާޔަތްކުރުމުގައި އަބްދު ﷲ އިބްނު ޒުބައިރު ކުރައްވާފައިވާ މަސައްކަތް ފުރިހަމަ ކުރައްވާ ނިންމެވީ އެކަމުގެ އަގަކަށް ބެލުމެއް ނެތިއެވެ. މިހާރު ޙަޖަރުލް އަސްވަދު ފެންނަން އެހުރި ރީތި ވޮށިގަނޑަކީ އެމަނިކުފާނުގެ ވެރިކަމުގައި ހައްދަވައި ފުރިހަމަކުރައްވާފައި ގޮތެވެ.

…ނުނިމޭ ….

Loading

2 Responses

  1. ހަޖުރަލް އަސްވަދާ ބެހޭގޮތުން ވަރަށް ތަފާތު ވާހަކަތައް ހަދަހަދައިގެންވެސް ދައްކާފައި އެބަހުއްޓެވެ. ޖުރުހަމްވަންހައިގެ މީހުން މައްކާދޫކޮށް ދިޔައިރު ގެފުޅުގެ އަގުބޮޑުހުރިހައި އެއްޗެއް ޒަމްޒަމްވަޅަށް އަޅައި ފަސްލައި ވަޅުހުރިތަން މުޅިން ފޮރުވާލާފައި ދިޔަކަމަށްވެސް ބުނެވޭ! އެގޮތުން ޢަބްދުލް މުއްތަލިބުގެ ޒަމާނަށް އައި އިރު އެވަޅުހުރިތަން އެގޭ އެއްވެސް މީހަކު ހުރިކަމަކަށްނުވޭ! އަބްދުލް މުއްތަލިބަށް ފެނިވަޑައިގެންނެވި ހުވަފެނެއްގެ ވާސިތާއިން ޒަމްޒަމްކޮނެ އެޒަމްޒަމްގައި ހުރި އަގުބޮޑު މުދާތަކުން ގެފުޅު ޒީނަތްތެރި ކުރެއްވި ކަމަށްވެސް ބުނެވޭ! އޭގެތެރޭގައި ހަޖުރަލް އަސްވަދު ނެތްކަމެއް ކިހިނެއްތޯ އެނގެނީ! ފަހުން އަންނަ މީސްތަކުންނާ ހަޔަށް ކަންތަކާއި ތަކެތި އެފަދަ ގޮތްގޮތަށް ﷲ ކަންކަން މިންވަރު ކުރައްވާފައި އެބަހުރި!

  2. އާރޓިކަލް ކިޔާލީމާ އެނގުނީ ލިއުންތެރިޔާ ލިއުއްވާފައިވާ ލިއުން އެއްކޮށް ޝާއިއު ނުކުރެވޭ ކަމެވެ. މިހާތަނަށް ލިއުން ކިޔާ ނިމުނު އިރުވެސް ހަޖަރުލް އަސްވަދު ނެތްކަމަށް ލިއުއްވާފައެއް ނެތެވެ. ހަޖަރުލް އަސްވަދު ތަޅާލި ވާހަކަ ލިއުއްވާފައި އެބައޮތެވެ. ދިވއހިރާއްޖޭގެ ބައެއް އިލްމުވެރިންވެސް ވިދާޅުވެފައިވާ ގޮތުގައި މިހާރު ހަޖަރުލް އަސްވަދު އޮތީ އެއް ހިލައެއްގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި ލިއުމަކަށް ކޮމެންޓް ކުރެއްވުމުގައި އެ ލިއުމެއް އެއްކޮށް ކިޔާލުން ރަނގަޅުވާނެއެވެ.
    އަލިފް ހާ ގެ ޝައުގުވެރިކަމަށާޓަކައި އުފާކުރުން ހުއްޓެވެ. ހިއްސާ ކުރެއްވި މައުލޫމާތުގެ ތެރޭގައި ގެފުޅުގައި ހުރި ބައެއް އަގުބޮޑު އެއްޗެހި ޒަމްޒަމް ވަޅަށް އަޅައި ވަޅު ފޮރުވާލި ވާހަކައެއް އަޅުގަނޑުވެސް އަޑު އެހީމެވެ. ލިއުންތެރިޔާ ލިއުއްވާފައިވާ އެއްޗެއް އެއްކޮށްކިޔާލަމާހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް