ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އޭނާގެ ފުރަތަމަ އަންހެނުން ބަތަލާ އަމްރިތާ ސިންގް އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް ކަމަށް ސައިފްގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ބުނެފިއެވެ.
ޝަރުމީލާ މިހެން ބުނެފައި ވަނީ ދާދި ފަހުން ސައިފް އާއެކު ބައިވެރިވި ކަރަން ޖޯހަރްގެ ޗެޓް ޝޯ، ”ކޮފީ ވިތް ކަރަން“ ގެ ސީޒަން 8 ގެ އެޕިސޯޑްގައި ވާހަކަދައްކަމުންނެވެ.
އެގޮތުން ހޯސްޓް ކަރަން ޖޯހަރާ ވާހަކަ ދައްކަމުން ސައިފްގެ ކުޑައިރުގެ ވާހަކަތަކުން ފެށިގެން ޝަރުމީލާގެ އެވަރގްރީން ފިލްމުތަކާ ހަމައިން އެކްޓަރު އަމްރިތާ ސިންގް އާއި ސައިފްގެ ފުރަތަމަ ކައިވެންޏާއި ބެހޭގޮތުންވެސް އެ މީހުން ވަނީ ވާހަކަދައްކާފައެވެ.
އެހާ ޒުވާން އުމުރުގައި ސައިފް ކައިވެނި ކުރަން ނިންމީ ކީއްވެތޯ ކަރަން ސުވާލު ކުރުމުން ސައިފް ބުނީ އެއީ އެއްގޮތަކަށް ބުނާނަމަ ގެއިން ފިލައިގެން ދިއުން ކަހަލަ ކަމެއް ކަމަށާއި ގިނަ ކަންކަން މިހާރު ހަނދާނެއް ނެތް ކަމަށެވެ.
ޝަރްމީލާ ބުނީ ސައިފް އާއި އަމްރިތާއަކީ ވަރަށް ގިނަ ގޮތްގޮތުން އެއްގޮތް މަޖާ މިޒާޖެއްގެ ދެ މީހުން ކަމަށާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު މީހުން ހެއްވާލާ ކަމަށެވެ. އަދި އެ ދެމީހުން އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް ކަމަށް ޝަރުމީލާ ބުނެފައި ވެއެވެ.
1991 ވަނަ އަހަރު ކައިވެނި ކުރި ސައިފްއާއި އަމްރިތާ ވަރިވެފައި ވަނީ 2004 ވަނަ އަހަރުއެވެ. އަދި އެދެމީހުންގެ ކައިވެންޏަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ. އެއީ ބަތަލާ ސާރާ 28އ އާއި އިބްރާހީމް 21އ އެވެ.
ސައިފް އަމްރިތާއާ ވަކިވުމަށްފަހު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އެ ދެމީހުން ކައިވެންޏަށް މިހާރު އެގާރަ އަހަރު ފުރިފައި ވާއިރު، އެ ކައިވެންޏަށްވެސް ވަނީ ދެ ދަރިން ލިބިފައެވެ. އެއީ ޓައިމޫރު 7އ އާއި ޖެހް 2އ އެވެ.