ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހިމް ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ނިންމެވިކަން ހާމަކުރައްވައި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތައް ހިއްސާކުރައްވައިފައެވެ.
އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޚާއްސަކޮށް ’އެންޑެމިކް‘ ގައުމުތަކުން އަންނަ މީހުން ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ގަވާއިދުން، އޮންނަ އުސޫލެއްގެ މަތިން ’އޮން-އެރައިވަލް‘ އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު ’އޮން އެރައިވަލް‘ އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެ ކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރު ވެސް މެޑިކަލް ހަދަންޖެހޭނެކަމަށް ނިންމަވާފައިވެއެވެ.
ހަމައެއާއެކު ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ. އަދި ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށް ލާޒިމުކުރަން ވެސް ނިންމެވިއެވެ.