ބޮލީވުޑްގެ ސުޕަސްޓާ އާމިރް ޚާންގެ އަންހެން ދަރިފުޅު އައިރާ ޚާން 25އ އަށް ނަފްސާނީ ސިއްޙަތުގެ ދާއިރާއިން އެވޯޑެއް ލިބިއްޖެއެވެ. ޑިޕްރެޝަނާއި ނަފްސާނީ ސިއްހަތާ ގުޅޭ ގޮތުން އައިރާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ނަފްސާނީ ސިއްހަތާއި އާއިލާގެ މުހިންމުކަމުގެ ވާހަކަ ގިނައިން ދައްކާ އައިރާއަށް އެވޯޑް ލިބިފައި ވަނީ ނަފްސާނީ ސިއްހަތަށް ހޭލުންތެރި ކުރުމަށް އިންތިހާއަށް މަސައްކަތްކޮށް ވަކާލާތު ކުރަމުން އަންނާތީވެ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑް އޭނާއަށް ދީފައިވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އެވެ. މި އެވޯޑް ޝޯގައި އާމިރު ޚާން ވެސް ވަނީ ބައިވެރިވެފައެވެ. މި އެވޯޑް ހަފްލާގައި އައިރާ އެންގޭޖްވެފައިވާ ނޫޕޫރު ޝިކާރޭ އާއި އައިރާގެ މަންމަ، އާމިރު ޚާންގެ ކުރީގެ އަންހެނުން ރީނާ ދައްތާ ވެސް ބައިވެރިވެފައި ވެއެވެ. މި ހަފްލާގެ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވާއިރު، އާމިރާއި ރީނާ އަދި އައިރާ އެއް މޭޒެއްގެ ދަށުން ފެނިގެންދެއެވެ. އެވޯޑް ހަފްލާގައި އާމިރު ފެނިފައި ވަނީ ކަޅުރަތްކުލައިގެ އިންޑިއާގެ ސަގާފީ ކުރުތާއެއްގައެވެ. އައިރާ ލައިގެން ހުރީ ކަޅުކުލައިގެ ސާރީއެކެވެ. އައިރާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނުޕޫރު އެންގޭޖްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އައިރާގެ ކައިވެނި ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް އާމިރް ޚާން މީގެ ކުރިން ބުނެފައި ވެއެވެ.