ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓާއި ފުލެޓުތަކުގެ އަގު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު އާންމުކޮށްފިއެވެ.
ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކޮށް
މިނިސްޓްރީން މިއަދު ބުނީ ދާއިމީ ލިސްޓް އާންމުކުރީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ކަމަށެވެ.
ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ހަމައެހެންމެ ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
ހައުސިންގ މިނިސްޓްރީއިން ބުނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް ކަމަށާއި ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެން ކަމަށެވެ.
މިނިސްޓްރީއިން ހާމަކުރި ގޮތުގައި ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ކަމަށާއި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރުފިޔާއެވެ.
ކުލި ދައްކަން ޖެހޭނީ ފުލެޓް ހަވާލުކުރާ ތާރީޚުން ފެށިގެން 3 މަސްް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު ކަމަށާއި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 ކަމަށް މިނިސްޓްރީން ބުންޏެވެ.
![]()
