ޑރ.އަނާރާ ހުރާ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި

Loading

Facebook
Twitter
WhatsApp

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނަޢީމް އިއުލާނު ކުރައްވައިފިއެވެ.

ޑރ.އަނާރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުން ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި އޭނާ ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހަށް އަލަށް އިތުރުކުރި ހަ ދާއިރާގެ ތެެރޭގައި ހިމެނޭ ހުރާ ދާއިރާއަށެވެ.

މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ ތަމްސީލު ކުރެއްވި ދީނީ އިލްމުވެރިޔާ ޑރ.އަނާރާ ވަނީ, 19 ވަނަ ދައުރުގައި ވެސް އެ ދާއިރާއަށް ވާދަކުރައްވައިިފައެވެ. އޭނާއަކީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް މަޖިލީހުގައި ތަމްސީލު ކުރެއްވި ހަމައެކަނި މެމްބަރެވެ.

އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ.އަނާރާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވީ 29 ޑިސެމްބަރު 2021 ގައެވެ. އޭގެފަހުން ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު މިދިޔަ ރިޔާސީ އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިޚާބުކުރުން އޮންނާނީ އަންނަ މާރިޗުމަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލު ކުރީކޮޅުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ފައިނަލެއް ނުކުރެއެވެ.

މަޖިލީހަށް ހަ ދާއިރާއެއް އިތުރުކޮށްފައިވާއިރު އަންނަ ދައުރުގައި މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެއެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް