އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި މެދުވެރިއަކަށްވީ އެސްއޯއެފް ކުންފުނިން އަނބުރާ ފައިސާ ހޯދަން އެމްއެމްޕީއާރްސީއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އެ ކުންފުނިން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިިފިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން އެސްއޯއެފްގެ މައްޗަށް ހުކުމްކުރީ 2017 ސެޕްޓެމްބަރު 17 ގައެވެ. މި ހުކުމާ އެއްގޮތަށް އެސްއޯއެފްއިން ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސްވެ އެ މައްސަލަ ބަލަން ފެށިއެވެ. އެކަމަކު މައްސަލާގެ އަޑުއެހުންތަކަށް އެމްއެމްޕީއާރްސީއިން ހާޒިރުނުވާކަމަށް ބުނެ މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިިފައެވެ.
ސިވިލް ކޯޓުން ހާމަކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީއިން ވަނީ އަލުން މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ފޮނުވައި އެކި ބޭނުންތަކަށް ބޭނުންކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ އެކައުންޓު, 2020 ވަނަ އަހަރު ސިވިލް ކޯޓުން ކުރި އަމުރަކާ ގުޅިގެން ފްރީޒްކުރިއެވެ. ނަމަވެސް މިދިޔަ އަހަރު އޮޮގަސްޓުމަހުގެ 07 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރަކުން ވަނީ އެ އެކައުންޓު ދޫކޮށްލައިފައެވެ.
![]()

One Response
ހިޔެއްނުވޭ މިސަރުކާރުންވެސް ތި މމޕރސ ގެ އެއްވެސް ކަމެއް ބެލޭނެހެނެއް. ޕޕމ ގެ ވެރިން ބައިވެރިވާކަން ޔަގީނޭ