ނޮވެމްބަރު 17 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ގަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށްވާއިރު މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ. އަދި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
“ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް. މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި. މިއިން ކޮންމެ ގޮންޖެހުމަކާ ވެސް ދިވެހި ގައުމު އިސްކޮށްގެން ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭގޮތް.“
އެހެންކަމުން 17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ އަދި މި ގައުމުގެ އިސްތިގުލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ކަމަށާއި ދިވެހީންގެ ރީތި އުޅުމާ ގުޅުމާ ގޮތްފޮތް ދަމަހައްޓައި ދިވެހީންގެ ނަމާ އަބުރާ ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
![]()
