ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް ބައެއް ބަދަލުތައް ގެނައުމަށްފަހު މިއަދު އާންމުކޮށްފިއެވެ.
ޓެރަރިސްޓް ޖަމާއަތްތައްކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅުއްވަނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. މި ލިސްޓަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރަންޖެހޭއިރު ރައީސް އޮފީހުން މިއަދު ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި 2 އޮކްޓޫބަރު 2022 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ކިޔާ އެހެނިހެން ނަންތަކާއި އެ ޖަމާއަތްތަކުގެ ގޮފިތަކާއި އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭގޮތަށް މުރާޖައާކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި އިންޑޮނޭޝިޔާގެ ޖަމާ އަންޝާރުއް ދައުލާ (ޖޭ.އޭ.ޑީ) ލިސްޓަށް މިފަހަރު ވަނީ އިތުރުކޮށްފައެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަހައްދެއް ކުރިން ކަނޑައަޅާފައިވާއިރު އެ ނިންމުން ވަނީ ދަމަހައްޓައިފައެވެ.
ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޖަމާއަތްތަކުގެ ތެރޭގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ, އަލް-ޤައިދާ, ޖަބްޙަތު އަލް-ނުސްރާ, ލަޝްކަރޭ ޠައިބާ, އަލް-ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ,
އަލް-ޤައިދާ އިން ދި އިސްލާމިކް މަޣްރިބް, އަބޫ ސައްޔާފް, ބޯކޯ ހަރަމް, އަލް ޝަބާބް, އަލް-ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް, ތެހްރިކޭ ޠާލިބާން ޕާކިސްތާން, ޙަރަކާތުލް ޖިހާދު އަލް-އިސްލާމީ, ޖައިޝޭ މުޙައްމަދު, އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް –ޚުރާސަން
ޕްރޮވިންސް, ނޭޝަނަލް ތައުޙީދް ޖަމާޢަތް, ވިލާޔަތް އައް ސޭލާނީ ޖަމާޢަތު މިއްލަތޭ އިބްރާހީމް, ހަޔާތު ތަހްރީރް އަލްޝާމް އަދި ޚުއްރާސް އަލް-ދީން ހިމެނެއެވެ.
![]()

One Response
ހަމަ އެކަނި އިސްލާމިކް ގުރޫޕްތައް ދޮއްތޯ؟ ކޮބާތޯ މޮސާދު ފަދަ އަނިޔާވެރި ޖަމާޢަތްތައް؟