އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ 17 ނޮވެމްބަރަކީ ހުކުރު ދުވަހެއް ކަމަށްވާތީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ. ނަމަވެސް މޫސުމަށް ބަލައި ފަހަރެއްގައި ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ބުނެފައެވެ.
މި ރަސްމިއްޔާތަށް ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ ވެރިންނަށާއި ގާތް ގުޅުން އޮންނަ އެހެން ބައެއް ގައުމުތަކުގެ ވެރިންނަށް ދައުވަތު އަރުވަން ވަނީ ނިންމައިފައެވެ.
![]()
