އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި, ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް; އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަ ކުރުންތައް ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. އަދި ދީނީ ވަހުދަތު ގާއިމުކޮށް, އިގުތިސާދީ ގޮތުން ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކުރަންޖެހޭ ކަމަށާއި ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ އެ ކަންކަން ކުރެވޭނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި އަދި ބަހާއި އަމަލު ދިމާވާފަދަ އިޚުލާސްތެރި ބޭފުޅަކު ރާއްޖޭގެ ރައީސްކަމަށް އައްޔަން ކުރެވިގެން ކަމަށް ގަބޫލުކުރައްވާތީ ދެވަނަ ބުރުގައި ޑރ.މުޢިއްޒަށް ތާއީދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ހައިލަމް މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ މެއިމަހުގައެވެ.