ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.
“ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރުގައި މިކަމުގައި ރައީސް ޔާމީނާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށާއި އެގޮތުން އެމަނިކުފާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
“ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތްނަމަ އެ ވާހަކަ“
ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް މާފުށީ ޖަލަށް ވަޑައިގެންނެވުމުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކުރައްވައެވެ. އެގޮތުން ހުއްދައަށް އެދި މަޖިލީހުން އިއްޔެ ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.
ކަރެކްޝަނުން މިއަދު ބުނީ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒުކުރުމުން އެކަން ލިޔުމުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.