މި އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއެކު މިއަދު ހދ.ކުމުންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ޢަބްދުއްރަޙީމް އެދިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވުމަށެވެ.
“ރީރަޖިސްޓްރީކުރުމަށް ހުޅުވައިލި ދެ ދުވަހުގެ ތެރޭގައި މިހާރު މިވަނީ 25,000 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފަ. މީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އަދަދެއް ނޫން. އެނގިވަޑައިގަންނަވާނެ ކުރީ ފަހަރު 7 ދުވަސް ދިނީމަ ވެސް ވިއްސަކަށް ހާސް މީހުން ރަޖިސްޓްރީ ނުކުރެވުނު. އެހެންނަމަވެސް ދެ ދުވަހުގެ ތެރޭގަ 25,000 ރަޖިސްޓްރީކޮށްފަ މި އޮތީ. މީ ގަސްދުގައި އޮޅުވައިލަން ނުބައި ނަންނަމުގައި ފޯމުތައް ވައްދައިގެން ކުރަމުންގެންދާ ވަރަށް ބޮޑު ވައްކަމެއް.“
މިކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ވެސް އިންތިޚާއަށް އެބައޮތް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
“ފުއާދު ވިދާޅުވި ތިމަންނަގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތޭ. މިކަން ވަރަށް ގާތުން ބައްލަވައިދެއްވާށޭ. ރަށްރަށުގަ ތިއްބެވި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުން މިހާރުން މިހާރަށް ކުރަންވީ ކަމަކީ ތިބޭފުޅުންގެ ރަށުގެ ރީރަޖިސްޓްރޭޝަން ކުރުމުގެ ކަންތައް ދާ ގޮތް ބައްލަވައި ދެއްވަންވީ.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ކުރުމަށް ހުޅުވައިލުމުން ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅި ކަމަށް އީސީން ބުންޏެވެ. އަދި ދެވަނަ ދުވަހު 16287 ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 25493 ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ.
“އޮންލައިންކޮށް ފުރަތަމަ ދުވަހު 7267، ދެވަނަ ދުވަހު 11082 އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ޖުމްލަ 18349 ހުށަހަޅާފައިވޭ. މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވޭ. ރީ-ރަޖިސްޓަރީ ކުރަން، ދެވަނަބުރުގައި ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވޭ. ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ.“
އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށް އީސީން ބުންޏެވެ. އަދި ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ ކަމަށާއި މިއަދުގެ ހަވީރު 4:00 ގެ ކުރިން ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ ރިޔާސީ އިންތިހާބު 2023 ގައި ދެން އެ ފުރުސަތު ލިބުމަކީ ނާދިރުކަމެއް ކަމަށް ވެސް އީސީން ބުންޏެވެ.