މާލެ ހުޅުމާލެ ހައިވޭގައި ދުއްވި ޓެކްސީ އެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެއެވެ.
އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުލިބެއެވެ.
ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާކަމަށް މިއަދު ހެނދުނު ހަތެއް ޖެހި އިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
”މިކާރިސާގައި މީހަކަށް އަނިޔާއެއް ނުވޭ، ނަމަވެސް ޓެކްސީއަށާއި ސޯލާޕެނަލް ތަކަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ،“ ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެންނެވެ.
ތިމާވެށްޓާއި ބެހޭ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓްގައި ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާޕެނަލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ،
އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއެކްސިޑެންޓް ހިނގީ މިކަހަލަ ކާރިސާއެއް ހިނގާފާނެ ކަމަށް ބަލައި ސޯލާޕެނަލްތައް ހުންނަ ސަރަޙައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައިވޭގައި ހަރުކޮށްފައިވާ ހުރިހާ ސޯލާ ޕެނަލްތައް ހުރީ އިންޝުއަރެންސް ވެސް ކޮށްފައެވެ.
މާލެ ހުޅުމާލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ނުވަތަ ހައިވޭގައި 5،6 މެގަވޮޓްގެ ސޯލާހަކަތައިގެ ނިޒާމު ގާއިމް ކުރަނީ ތައިލެންޑްގެ އިންސިސްކޯ ލިމިޓެޑް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކުރީ 2020ވަނައަހަރުގެ ނޮވެމްބަރު މަހުގައި ކަމަށެވެ، ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގައެވެ. އެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ.