ފޭރުމުގެ ދެ މައްސަލައެއްގައި 3 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފި

Loading

September 15, 2023
profile
Facebook
Twitter
WhatsApp

ފޭރުމުގެ ދެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މީގެތެރެއިން އެއް މައްސަލައެއްގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނަކާއި ށ.މާއުނގޫދުއަށް ނިސްބަތްވާ 37 އަހަރުގެ އަންހެނެކެވެ.

މި ދެ މީހުން ހައްޔަރުކުރީ ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަތް މައްސަލާގައެވެ. ފުލުހުން ބުނީ ފޭރިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފޯނު އަންހެން މީހާ ފުލުހުންނާ ހަވާލު ކުރި ކަމަށެވެ.

ފުލުހުން ކުށުގެ ވެށްޓަށް ދިއުމުން ބަންގްލަދޭޝް މީހާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާގެ ބަންދަށް ދިނީ 15 ދުވަހެވެ. އަދި އަންހެން މީހާގެ ބަންދަށް ދިނީ 5 ދުވަހެވެ.

ދެވަނަ މައްސަލައިގައި ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ވެސް މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ބިދޭސީއަކު ހުއްޓުވައި އޭނާގެ ފޯނާއި ވޮލެޓް ފޭރިގަތް މައްސަލާގައެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ދިނީ 15 ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް