ކުށުގެ އެކި ތުހުމަތުތަކުގައި މީގެކުރިން 103 ފަހަރު ހައްޔަރުކުރި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ތޮއްޑުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ޢަލީ ޝާހިދު މިފަހަރު ހައްޔަރުކުރީ ފޯނެއް ވަގަށް ނެގި މައްސަލައެއްގައެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 30 ދުވަސް ޖަހައިފައެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޢަލީ ޝާހިދު ބުނީ އެއީ މަސްތުވާތަކެތި ވިއްކާ ކާޓެލްއަކުން މީގެ ހަފުތާއެއް ކުރިން ގަތް ފޯނެއް ކަމަށެވެ.
ފުލުހުން ބުނީ އެ ފޯނުގެ ވެރި ފަރާތް ހޯދިއިރު އެއީ ބޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އެ މީހާގެ ފޯނު ވަގަށް ނަގާފައިވަނީ ބޯޓުތެރޭގައި ޗާޖަށް ޖަހާފައި އޮއްވައި މި މަހުގެ 13 ވަނަ ދުވަހުގެރޭ ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ޢަލީ ޝާހިދަކީ މީގެކުރިން އެކި ތުހުމަތުތަކުގައި 103 ފަހަރު ހައްޔަރުކޮށް 44 ފަހަރު ބަންދު ކޮށްފައިވާ މީހެކެވެ.
މި އަހަރު ވެސް އެކި ތުހުމަތުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ ބޯޓުތަކުން ވައްކަން ކުރުމުގެ ރެކޯޑް ވެސް އޮންނަ މީހެއް ކަމަށް ބުނެފައިވެއެވެ.