ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމަށްބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނަށް ޓަރގެޓްކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައިނުވާ ކަމަށެވެ. އަދި މި މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރިމައުލޫމަތެއްކަމަށް ބުރަވެވޭފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި މި މައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް ވެސް އުޒުރުވެރިވެފައިވާ ކަމަށެވެ.
“އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ޚިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ.“ ފުލުހުން ބުންޏެވެ.
މި ބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.