ރައީސް މައުމޫންގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު, އެކަމަށް މައާފަށް އެދެން: ފާރިސް

Loading

September 6, 2023
profile
Facebook
Twitter
WhatsApp

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބުނުކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބައްޕާފުޅު ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުގައި ބައެއް މީހުންނަށް އަނިޔާތަކެއް ލިބި ހިތާމަތަކެއް މެދުވެރިވިކަމީ ހަގީގަތެއް ކަމަށެވެ.

“އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބިކަމީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން.“

ދާދިފަހުން ފާރިސް ވަނީ ރައީސް މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. 

ފާރިސް ވަނީ އޭނާ ދެއްކެވި ވާހަކައަކާާ ގުޅިގެން އެ ހިތާމަތައް އިތުރުވެގެންދިޔަކަމީ ވެސް ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.

“އެހެންވީމަ މިކަމަށްޓަކައި ވެސް އަޅުގަނޑު ތިބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން.“ ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާގެ އަޒުމަކީ އަނިޔާ ލިބުނު ފަރާތްތަކަށް އޭނާގެ ވެރިކަމެއްގައި ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން ކަމަށެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި އެފަދަ އެއްވެސް ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަކީ އަމިއްލަ ޒިންމާއަކަށް ހައްދަވާނެ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގަައި އެތައް ފަހަރެއްގެ މަތިން ޖަލަށްލާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުން ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން “ހައްދުފަހަނައަޅައި“ ގޮސްފައިވާކަން ފާހަގަވި އެއްދުވަހަކީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. އެ ދުވަހަކީ މާފުށީ ޖަލުގައި ގައިދީއެއްގެ ގޮތުގައި ހުރި މ.އޭޝިއާ ޙަސަން އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅައި މަރައިލި ދުވަހެވެ. އެ ދުވަހުގެ ހާދިސާގައި އީވާން މަރާލައިފިކަން އެނގުމުން ޖަލުގައި ތިބި އެހެން ގައިދީން އެކަމާ ނުރުހުންފާޅުކޮށް ނިކުތުމުން އެ މީހުންގެ ގަޔަށް ސިފައިން ބަޑިޖެހުމުން އޭގެތެރެއިން ހަތަރު ގައިދީއަކު ނިޔާވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި އަނދަގޮނޑި ނުޖަހާ މީހަކު ހުރި ގެއެއް ރާއްޖޭގައި ނުހުންނާނެއެވެ. އަދި އޭރުގެ އަނިޔާވެރިކަމާހުރެ ބިރުން ފިއްކަނޑައިގެންދާވަރު ވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

“އަޅުގަނޑު ކަނޑައެޅި ސިޔާސަތަކުން, އަޅުގަނޑު ނިންމި ނިންމުމަކުން ނުވަތަ ބަލަންވީ ވަރަށް އަޅުގަނޑަށް ނުބެލިގެން އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް, ހިތްދަތިކަމެއް, ވޭނެއް ނުހައްގު ގޮތުގައި ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފައިވާނަމަ އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައިވާނަމަ ދިމާވި ރައްޔިތެއްގެ އަރިހުން އަޅުގަނޑު ދީލަތި މައާފަކަށް އެދެން.“ 10 ނޮވެންބަރު 2008 ގައި ދެއްވި ވަދާއީ ޚިޠާބުގައި ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް