ތުރުކީގެ އެންޖީއޯއެއްގެ ތާއީދު ޑރ. މުޢިއްޒުއަށް!

Loading

Facebook
Twitter
WhatsApp

ތުރުކީއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ އަމާޒާއެކު އިސްތާންބުލްގައި ހިންގާ އެންޖީއޯއެއް ކަމަށްވާ ޓާރކީ މޯލްޑިވްސް ފްރެންޑްޝިޕް ކައުންސިލުގެ ތާއީދު އޮތީ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުއާ އެކުގައި ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ މިފަދައިންނެވެ.

”އަޅުގަނޑުމެންނާއި ބައްދަލުވެފައިވާ އެންމެހައި ފަރާތްތަކަށްވެސް އެނގޭނެ ފަދައިން، އަޅުގަނޑުމެންނަކީ އޮޓޮމަން ވެރިކަމަށް ލޯބިކޮށް ތާއީދުކުރާ ސުލްޙަވެރި ޖަމާއަތެކެވެ. މި ޖަމިއްޔާގެ މަޤްޞަދަކީ ތުރުކީއާއި ދިވެހިރާއްޖޭގެ މީހުންނާއި، ވިޔަފާރިތަކާއި ސަރުކާރުތަކުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މައުލޫމާތު ސާފުކޮށްދިނުމެވެ. ފާއިތުވި އަހަރުތަކުގައި، ތުރުކީގެ ސިޔާސީވެރިންނަށް ދިވެހިރާއްޖެ ދަސްކޮށްދިނުމަށް އަޅުގަނޑުމެންވާނީ ކެނޑިނޭޅި އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ ޕްރޮމޯޓުކޮށްގެން އެކަންޏެއް ނޫނެވެ. އެފަރާތްތަކުގެ ދިވެހި މުސްލިމް އަޚުންނާއި އުޚުތުންގެ ސާދާ ރިވެތި ގޮތްތަކާއި، އަޚްލާޤިއްޔަތު ކިޔައިވެސް ދީގެންނެވެ.

އަޅުގަނޑުމެންގެ ޖަމިއްޔާގެ މަސައްކަތް ފެށުމުގެ ކުރީން ތުރުކީގައި ދިވެހިރާއްޖެ މަޝްހޫރުވެފައި އޮންނަނީ އާދައިގެ މީހުންނަށް އަތްނުފޯރާ ފަށުގައި އޮންނަ ފަތުރުވެރިކަމުގެ އުސް މަންޒިލެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ބަޖެޓު ގެސްޓު ހައުސް ސިނާއަތާއި، ދިވެހި އާދަކާދަތަކާއި ޘަޤާފަތުގެ މުއްސަނދިކަމާއި، ގުޅިގެން ކުރެވެން އޮތް ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ކިޔައިދިނުމުގެ އިތުރުން އަޅުގަނޑުމެން ވާނީ ދިވެހީންގެ ރަޙުމަތްތެރިކަމާއި، ހިތްހެޔޮކަމުގެ ޚަބަރުތައްވެސް އެފަރާތްތަކާއި ހަމައަށް ގެނެސްދީފައެވެ.

މިހުރިހައި މަސައްކަތަކާއި އެކުވެސް، މިއަދުގެ ދިވެހި ސަރުކާރާއިއެކުގައި މަސައްކަތްކުރުމަށް މި ޖަމިއްޔާއިން އެތައް މަސައްކަތެއް ކޮށްފައިވާނެއެވެ. އެގޮތުން، ދިވެހީންނަށް ޚިދުމަތްކުރުމަށް އެދޭ ރަނގަޅު އެތައް މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއެކު ދެގައުމުގެ ގުޅުން ވަރުގަދަކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ވާނީ ކުރެވިފައެވެ. އެހެން ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ”އެންމެ ފުރަތަމަ އިންޑިއާ“ ސިޔާސަތުގެ ސަބަބުން ހަގީގީ މާނަފުން އެއްވެސް މަސައްކަތެއް ކުރުމަށް ވަނީ ނުކުޅެދިފައެވެ.

އެހެންކަމުން، ވެރިއަކު ހޮވުމުގެ މުހިންމު މަސައްކަތާއި ދިވެހީން ކުރިމަތިލުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މިހާރު ވެރިކަމަށް ކުރިމަތި ލައިގެން ތިއްބެވި ފަރާތްތަކުގެ ޚާރިޖީ ސިޔާސަތުތަކުގެ މެނިފެސްޓޯއަށް ރިއާޔަތްކޮށް، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ތާއީދުކުރުމަށް މި ޖަމިއްޔާއިން ނިންމައިފީމެވެ. ހުރިހައި ގައުމެއްގެ މެދުގައިވެސް ހަމަހަމަ އުސޫލެއް ގެންގުޅުއްވާނެކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ތުރުކީއަށް ދަތުރުކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ގަބޫލުކުރެއްވޭނެ ފަދައިން، ދިވެހިރާއްޖެއާއި ތުރުކީއިން އެކުގައި މަސައްކަތްކުރެވޭނެ އެތައް ދާއިރާއެއް އެބައޮތެވެ. މިގޮތުން، ސައިންސުގެ ދާއިރާއިންނާއި، އިސްލާމީ ތަޢުލީމުގެ ދާއިރާއާއި، ފުލުހުންނާއި ސިފައިން ތަމްރީނުކުރުމުގެ ރޮނގުންނާއި، ސިއްހީ ޙިދުމަތްތައް ހަރުދަނާކުރުމުގެ ރޮނގުންނާއި، އިމާރާތުގެ ރޮނގުގެ އިތުރުން، ނަރުހުންނާއި މުދައްރިސުން ތަމްރީނުކުރުމުގެ ދާއިރާއިންވެސް، ދެގައުމަށް އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ. މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ކުރިއަރަމުން އަންނަ އެތައް ގައުމެއްގައި ތުރުކީއިން މިފަދަ ކަންކަމުގައި އިސްނަގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެގައުމުތަކުން ތުރުކީގެ އެއްބާރުލުމަށް ހޫނު މަރުހަބާއެއްވެސް ކިޔާފައިވެއެވެ. އެހެންކަމުން، އެނގެން އޮތްކަމަކީ، ނަތީޖާ ބަރޯސާވަނީ ގައުމު ހިންގުމާއި ހަވާލުވެ އޮންނަ ސަރުކާރަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށްކަމެވެ.

ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، ތުރުކީއާއި ދިވެހިރާއްޖޭގެ ގުޅުންތައް ވަރުގަދަކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މިޖަމިއްޔާއަށް ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތެވެ.

މިގޮތުން، ދިވެހީންނާއި ތުރުކީގެ މީހުން ގުޅުވާލުމަށްޓަކައި ކުރުމަށް ގަސްދުކުރާ މަސައްކަތްތަކުގެ ތެރެއިން، ތުރުކީގެ ޓީވީ ސީރީސް، ”ދިރިލިސް އަރތަގުލް“ގެ މައި ރޯލުން ފެނިގެންދާ އެކްޓަރު ދިވެހިރާއްޖެއަށް ގެންގޮސް ދިވެހީންނާއި ބައްދަލުކުރުމުގެ އިތުރުން، ތުރުކީގެ އިސްލާމީ ސްކޫލެއް ދިވެހިރާއްޖޭގައި ހުޅުވައި ވަކި ގޮތްޕެއްގެ ގޮތުގައި ހިންގުމުގެ ފުރުސަތު ހޯދުމަކީވެސް މި ޖަމިއްޔާގެ ވަރަށް ބޮޑު އުންމީދެކެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ބާރުއެޅުމަކީވެސް މި ޖަމިއްޔާއިން ކުރުމަށް ގަސްދުކުރާ މަސައްކަތެކެވެ.“

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް