ނަޝީދަކީވެސް ކަތުރުފަންޏެއްތަ؟

Loading

Facebook
Twitter
WhatsApp

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ސިއްކަ ޖެހެން ދިމާވި ޙާދިސާއަކީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ވަރަށް އަނިޔާވެރިކޮށް މަރާލެވުނު މާފަންނު އޭޝިއާ އިވާން ނަސީމްގެ މަރުގެ ޙާދިސާއެވެ. އީވާންގެ މަރަށްފަހު ގައިދީން ހަޅުތާލު ކުރުމުން ސިފައިން ބަޑިޖަހައި ވެސް ތިން ޒުވާނަކު މަރައިލި އެވެ.

އެއީ ޅ. ނައިފަރު، ސިނަމާގޭ، އަލީ އަސްލަމް، 18، އާއި ގއ. ވިލިނގިލީ، ޖަނަވަރީމާގޭ، އަހުމަދު ޝިޔާޒް، 18، އާއި މ. ބިންއުނިމާގޭ، އަބްދުﷲ ”ކްލިންޓަން“ އަމީން، 23، އެވެ. މި ހާދިސާ ހނގީ 19 ސެޕްޓެމްބަރ 2003 ގައެވެ.

ޖެހިގެން އައި އަހަރު، 2004 ގައި ރައީސް މައުމޫން މަގުޗާޓެއް އިޢުލާން ކުރިއެވެ. އެޗާޓަކީ ދިވެހިރާއްޖެ ޑިމޮކްރެސީގެ އަސާސްތަކުގެ މައްޗަށް އަނބުރާލުމަށް ހުށަހެޅި ޗާޓްކަމަށް ވިދާޅުވިއެވެ. 29 ޖޫން 2004 ގައި ސޯޝަލް ސެންޓަރުގެ ސެމިނާރ ރޫމްގައި މިނިވަން ބަހުސް ފެށުނެވެ. މިބަހުސްތަކުގެ ބޭނުމަކަށްވީ އޭރު ޢަމަލު ކުރަމުންއައި ނޫ ޤާނޫނު އަސާސީ އިޞްލާޙު ކުރުމެވެ. އެހެންގޮތަކަށް ބުނަނީނަމަ މިހާރު މިއޮތް ފެހި ޤާނޫނު އަސާސީ ހަދަން ފެށުމެވެ. މިނިވަން ބަހުސްތަކުގެ ކަންކަން މާރނގަޅަށް ނުދާން ފެށުމުން ފެނުނީ މާ ނުރައްކާތެރި ދުވަހަކަށް އަލިވިލުނުތަނެވެ.

2004 ގެ އޯގަސްޓް މަހުގެ 12 އަދި 13 ގައި ހިނގި ކަންކަމަކީ މައުމޫނުގެ ވެރިކަން ބަދަލު ކުރާން ޖެހިއްޖެކަން ރައްޔިތުންނަށް އެނގި އެދުވަސްވަރު ސިޔާސީ ގޮތުން މައުމޫނާ ޚިޔާލުތަފާތުވި މީހުން ޖުމްހޫރީ މައިދާނަށް އެއްވެ ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގަ އިޙުތިޖާޖު ކުރި ދުވަހެވެ. މިއަދަށް 19 އަހަރުވީއެވެ.

މިހާރުގެ ޒުވާނުންނަށް ސިޔާސީ ލީޑަރުން ކުރައްވާ ކަންކަން ފަހުމު ނުވަނީ ތާރީޚީ ގޮތުން މިފަދަ ކަންކަން ލިޔެވި ޒުވާނުންނަށް ފެންނާނޭހެން ބަހައްޓާފައި ނެތުމުންނެވެ. އެކަން ނުކުރަނީ ސިޔާސީވެގެން އުޅުއްވާ ލީޑަރުން ދެއިރު ދެދަޅައަށް ސިފަ ބަދަލު ކުރުމަށްޓަކައެވެ. 2003 ގައި އިވާންގެ މަރުގެ ހާދިސާ އަދި 2004 ގެ އޯގަސްޓް 12 އަދި 13 ގައި ކެނެރީގޭ މުޙައްމަދު ނަޝީދުގެ އެއްވެސް ރޯލެއް ނޯންނާނެއެވެ. ހިހޫ ތަނުން ކާލަން އެކަމާ ގުޅިގެން ސިޔާސީ ފައިދާ ނެގުމަށް ބީބީސީ އަށް އެރުން އަދި ދިވެހީންނަށް މެސެޖު ފޮނުވުންފަދަ ކަންކަން އެދުވަހު ނުކުރާ ވާހަކައެއް ނޫނެވެ.

1990 ވަނަ އަހަރު ނެރުނު ސަންގު އަދި ހުކުރު މަޖައްލާގައި ކެނެރީގޭ މުޙައްމަދު ނަޝީދު އޭރުގެ ވަޒީރެއް ކަމުގައިވާ އެންދެރިމާގޭ އިލްޔާސް އިބްރާހީމް، ފެލިވަރު މަސް ކާރުޚާނާ ހިންގުމަށް އުފައްދާފައިވާ، ފިޝަރީސް ޕްރޮޖެކްޓް އިމްޕްލިމެނޓޭޝަން ޑިޕާރޓްމަންޓް އިން އެތަކެއް ސަތޭކަ މިލިއަން ޑޮލަރަށް ޚިޔާނާތްތެރި ވެއްޖެކަމަށް ލިޔުނެވެ. 

ދުވަސްކޮޅަކުން ނަޝީދު ދިވެހިރާއްޖެއިން ގެއްލިއްޖެއެވެ. ނަޝީދު ވެރިކަމަށް އިސްވެ މި ނަންގަނެވުނު ޚިޔާނާތް ނުބެލިއެވެ. ހަމަ އެހެންމެ މައުމޫނުގެ އަނިޔާވެރި ސަރުކާރުގައި މީހުންނަށް ބޮޑެތި ލާއިންސާނީ އަނިޔާތައްދީ ކުށަށް އެއްބަސްކުރުމުގެ ހަންމުށިކަމުގައިވާ އާދަމް ޒާހިރުގެ އަނިޔާވެރި ޢަމަލުތައް ވަރަށް އަޑުހަރުކޮށް މުޒާހަރާ ތަކުގައި ދެއްކިއެވެ. އަދި ބަދަލު ހޯދައި ދެވޭނެ ކަމަށާއި އާދަމް ޒާހިރާއި އޭނާގެ އަނިޔާވެރި ޕޮލިސްޔުނިޓްގެ އެންމެނަށް ޙައްގު އަދަބު ދޭނޭކަމަށް ބުނެޏެވެ. 

ނަމަވެސް ވެރިކަން ލިބުމުން އެމީހުނާއި ޑީލްހަދައި އޭގެ އެއްވެސް އަނިޔާވެރިއެއްގެ މައްސަލައެއް ނުބަލައެވެ. ބަތީޖާއެއްގެ ގޮތުން އެ އަނިޔާވެރީން ތޮފި ބަދަލުކޮށް ކުލަބަދަލުކޮށް މިހާރު ސިޔާސީ މައިދާނަށް ނިކުތީއެވެ. އަދި ނަޝީދު އެމީހުންނާއި ކޮޑައި ކޮނޑު އަދި ބަނޑާއި ބަނޑުޖައްސާ ބައްދަމުން ގެންދަނީއެވެ! ޒުވާން ޖީލަށް ވަރަށްވެސް އެނގެން ބޭނުންވާނެ މަޢުލޫމާތުކޮޅެއް ކަމުގައި ދެކެމެވެ.

ދިވެހީންގެ މަދުބަޔަކު ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށްއިޚުލާސްތެރިކަމާއި ކެރުމާއިއެކު ފެށި ޙަރަކާތް ލޭ އޮހޮރުވުމެއް ނެތި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އެކު ކާމިޔާބު ވިއެވެ. އެހެނަސް ފާހަގަ ކޮށްލަން ޖެހެނީ ރައީސް މައުމޫނުގެ ދައުރުގައި އަނިޔާ ލިބުނު ފަރާތްތަކަށް ނަޝީދުވެސް އިންޞާފު ހޯދައި ނުދިންކަމެވެ. ބައެއް ފަރާތްތަކުން ހާމަ ކުރާގޮތުގައި ނަޝީދަށް ރައީސް މައުމޫނުގެ ދައުރުގައި އަނިޔާ ލިބުނު މީހުނަށް އިންޞާފު ހޯދައި ނުދެވުނީ  ނަޝީދާ އެންދެރިމާގޭ އިލްޔާސް އިބްރާހީމް އާއި ދެމެދު އޮންނަ ގާތްގުޅުމެއްގެ ސަބަބުންނެވެ. ތެދަކަށްވުން ގާތެވެ.

އެހެނީ އިލްޔާސް އިބްރާހީމްގެ އެފް.ޕީ.އައި.ޑީ ގެ ޚިޔާނާތުގެ މައްސަލަވެސް ނުބެލުނެވެ. ބުނެވޭ ގޮތުގައި ފަހުގެ ތާރީޚެއްގައި ދައުލަތަށް އެންމެ ބޮޑު ޚިޔާނާތެއްވި ފަހަރަކީ އެފް.ޕީ.އައި.ޑީ ގެ ޚިޔާނާތެވެ. ސިޔާސީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އެޚިޔާނާތުގެ ޖުމަލް އަގަކީ އޭރުގެ (1990 ވަނަ އަހަރުގެ) 350 މިލިޔަން ޑޮލަރެވެ.

2022 ވަނަ އަހަރު ރައީސް ޔާމިންގެ ތާއީދު ބޮޑުވާން ފެށުމުން އެމް.އެމް.ޕީ.އާރު.ސީ ގެ ފައިލެއް ހުޅުވާ ރައީސް ޔާމީން ވަނީ 11 އަހަރަށް ޖަލަށްލެވިފައެވެ. މިކަން ރާވާ ތަންފީޒް ކުރީ ޖޭއެސްސީ ގައި ނަޝީދުގެ ފުރިހަމަ ބާރުއޮވެގެންނެވެ. އަދި ޔާމީނު ޖަލަށް ލުމަކީ ނަޝީދުގެ 2008 ރިޔާސީ ވަޢުދެއްވެސް މެއެވެ. އަދި ނަޝީދު ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ވެރިކަން ވައްޓާލުމަށްޓަކައި އޭނާވަނީ ކަތުރުފަންޏެއް އަޅުވައި ކާމިޔާބު ހޯއްދަވައިފައެވެ. ގައުމަށްވަފާތެރި ވެރިކަމުގެ ދަހިވެތިކަމެއް ނެތް މީހަކު މިފަދަ ދަށުޖަރަޖައިގެ ޢަމަލެއް ކޮށްފާނެތޯ އަމިއްލަފުޅަށް ސުވާލުކޮށްލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މިވަރުން ނުފުދި އިބްރާހިމް މުހައްމަދު ޞާލިހު އާ ނަޝީދު އާ ދެމީހުން ރުޅިވެރިކަމެއް އޮތްކަން ދައްކުވައި ނަޝީދު އެވަނީ އެހެން ޕާރޓީ އެއް އުފައްދާ، އެ ޕާރޓީ ވުޖޫދުވިރޭ ރޫޅާލާނަން …. މިހެން ގޮވީ އެމް.ޑީ.ޕީ ރޫޅާލާކަށް ނޫނެވެ. އެރޭ އެބުނީ އިދިކޮޅު ރޫޅާލާނެ ވާހަކައެވެ. 

އިދިކޮޅުގަ ތިބި މީހުން އެއްގަލަށް އަރާ ކޮމަން ކެނޑިޑޭޓެއް ނެރެފިނަމަ އިބްރާހީމް މުޙައްމަދު ޞާލިހު އަށް ދެވަނަ ދައުރު ނުލިބޭނެތީއެވެ. މިއީ އަޅުގަނޑަށް ވިސްނޭގޮތެވެ. ނަތީޖާ މި ސެޕްޓެމްބަރު ނިމޭއިރު ހުރިހާ ރައްޔަތުންނަށް ހާމަވެގެން ދާނެއެވެ.

މިހާރު ނަޝީދު ދައްކަމުންދާ ވާހަކަޔާއި މިބުނެވުނު ކަންކަމާއި އެއްމަގަކަށް އަރާނެއެވެ. އަޅުގަނޑު ހިތަށް އަރަނީ ދިވެހީން ކޮން ދުވަހަކުން ބާއޭ ސިޔާސީ މިފަދަ މީހުން ޚާއްޞަކޮށް ނަޝީދު ދައްކާ މިފަދަ ވާހަކަތަކަށް ނޫނެކޭ ބުނަން ދަސްކުރާނީ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އަޅުގެ ދުޢާ އަކީ އަރަހުށި މާތް ﷲ ދިވެހިރާއްޖެ ގައުމަށް ޣައްދާރުވަމކުންދާ މީހުންގެ ކިބައިން ސަލާމަތް ކުރައްވާ މިދީބު ޞުލްޙަވެރި އަމާން އަދި ފާގަތި ތަނެއްކަމުގައި ލެއްވުމެވެ. އާމީން!

ދިވެހީންނަށް ދެން ބޭނުމީ ބަސްމަދު ޢަމަލުން ނަތީޖާ ދައްކާނެ ވެރިއެކެވެ.

Loading

One Response

  1. ކަށްޗަށް އެޅި ބިންގައު ކެއްޗާ ހަމައަށް ނެގިޔަސް އޮންނާނީ ކަށްޗަށެވެ. މީގެ މާނައާއި މަފްހޫމު ދެނެނުލައްވާނަމަ، ކެއްޗާ ހަމައަށް އުފުލިފައި އެވާ މަޢުނަވީ ޢިމާރާތުގެ ހައިބަތު ވެސް ދެނެލައްވާނެ ކަމެއް ނުއެނގެވެ. ކޮންމެކަމެއްވެސް ބަދަލު ކުރަނީ އިސްލާހުގެ ނަމުގައެވެ. ޙަޤީޤީ މައުނައިގައި ކޮންމެ ކަމެއްވެސް ކުރެވޭނަމަ އެ މައުނަޔާ އެއްގޮތައް އެކަމެއް ބަދަލުވެދެއެވެ. ނަމަވެސް ބޭރުފުށުން ދަށްކާ މަންޒަރާ އެއްގޮތަށް އެކަމެއް ބަދަލުވެ ނުދަނީ އެތެރެ ފުރަށާއި ބޭރުފުށް އެއް އަމާޒަކަށް ދަތުރު ނުކުރާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް