މި އޯގަސްޓްމަހުގެ ތެރޭގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ބްރިކްސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް 69 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވެއެވެ.
ދައުވަތު ފޮނުވުނު ހުރިހާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފިނަމަ މި ބައްދަލުވުން ވެގެންދާނީ ދުނިޔޭގެ ތާރީޚުގައި އެންމެގިނަ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށެވެ.
އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތްވެސް ހިމެނޭގޮތުގައި ޔޫރަޕުގެ އެއްވެސް ގައުމަކަށް މި ބައްދަލުވުމުގެ ދައިވަތު ދީފައެއް ނުވެއެވެ.
މި ބައްދަލުވުން ބޭއްވޭނީ ދެކުނު އެފްރިކާގެ ޖޯހަނަސްބާރގު ގައެވެ. މި ބައްދަލުވުމުގައި ބްރިކްސްއިން އިތުރު ގައުމުތަކަށް މެމްބަރޝިޕް ދިނުމާއި އެހެނިހެން މުހިންމު އެހެން މައްސަލަތަކާއި ދޭތެރޭ ބަހުސް ކުރެވޭނެއެވެ. އޭގެތެރޭގައި މެމްބަރު ގަމުތަކުން ކުރަމުންގެންދާ ކްރޮސްބޯޑަރ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި އެގައުމެއްގެ ފައިސާ ބޭނުންކުރުން ތަޢާރުފް ކުރުމާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަން އެނގިފައިވެއެވެ.
މިހާރުވެސް އެފްރިކާއާއި އޭޝިޔާގެ ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ފައިސާއިން ކްރޮސްބޯޑަރ ވިޔަފާރި ކުރަން ވަނީ ފަށާފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ ވިޔަފާރީގައި އެމެރިކާޑޮލަރުގެ ބޭނުން ކުޑަކުރެވޭނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެއެވެ.
ދުނިޔޭގެ ބޮޑު މަހުޖަނު ވޯރެން ބަފެޓް ދެކޭގޮތުގައި ބްރިކްސްއިން ނުވަތަ އެހެން ބަޔަކު ވިޔަސް އުފައްދާ ފައިސާއަކުން ކުރިއަށް އޮތް ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި ދުނިޔޭގެ ރިޒާވްފައިސާއަކީ އެމެރިކާ ޑޮލަރުނޫން ފައިސާއަކަށް ނުހެދޭނެއެވެ.
އެހެންނަމަވެސް ދުނިޔޭގެ ބާޒާރު ލީޑުކުރާނީ އެމެރިކާ ޑޮލަރާއި ޗައިނާގެ ޔުއާން ކަމުގައި ވޯރެން ގަބޫލު ކުރަށްވައެވެ. އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ޕްރެޝަރގައި އިންޑިޔާއިން ބްރިކްސްގެ އިސްރޯލުކުޅުމާއިމެދު ދެވަނަ ވިސްނުމަކަށް ދާގޮތަކަށް ޕްރައިމިނިސްޓަރ މޯދީ ބަސްމަގު ބަދަލުވެއްޖެ ކަމަށް ޚަބަރު ދީފިއެވެ.