ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ލަސްކުރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ މިއަދު ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
“ފެނިގެން މިދަނީ ސަރުކާރުން ރާވައިގެން ގަސްދުގައި ފަނޑިޔާރުން ވެސް ޗުއްޓީއަށް ފޮނުވާލައިގެން މި މައްސަލަ ހިންގިޔަ ނުދޭން މަސައްކަތް ކުރާތަން. އެގޮތުން މިއަދުު ވެސް މިއައީ މީގެ އެންމެ ފަހުގެ އަޕްޑޭޓެއް ހޯދަން. އައިމަ އަޅުގަނޑުމެންނަށް ފުރަތަމަ ކައުންޓަރުން ދިން ޖަވާބަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ސެކްޝަނުގެ އެއްވެސް މީހަކު ނެތޭ. މީ ޒިންމާދާރުކަން ކުޑަކަން ހުރި މިންވަރު.“
އޭގެފަހުން ހައިކޯޓުގެ މީޑިއާ އޮފިސަރު ނުކުމެވަޑައިގެން އިތުރު އަޕްޑޭޓެއް ނެތްކަމަށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ފަރާތުން ހައިކޯޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ލަސްކުރަނީ ރައީސް ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ.
“އެހެންވީމަ އަޅުގަނޑުމެން މިއަދު ދަންނަވާނީ ރައީސް ޞާލިޙް ހަމަ ގަސްދުގައި ރާވައިގެން ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ގަސްދުގައި އަނިޔާ ދިނުމުގެ ގޮތުން ކުރާކަމެކޭ މިކަމަކީ. މީ ހަމަ ކަނޑައެޅިގެން ދެވަނަ ދައުރެއް ގަދަކަމުން ހޯދުމަށްޓަކައި ރައީސް ޔާމީނާ ވާދަކުރަން ކެރިވަޑައިނުގެން ރައީސް ޔާމީނަށް އަނިޔާދީފަ ރައީސް ޔާމީނަށް ތާއީދުކުރާ ރައްޔިތުން މާޔޫސްކޮށްލުމުގެ ނިޔަތުގަ ކުރާ ކަމެކޭ.“
ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގ ގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ނުކުރާހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފައި އޮންނަ މުއްދަތުގެ ތެރޭގައި ހުކުމް ބާތިލުކޮށްފިނަމަ ބަލައިގަންނާނެ ކަމަށް ބުނެފައިވެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހަށް ހަމަވާނެެއެވެ.
![]()
