ޕާކިސްތާނުގެ އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށާއި އައި އެމް އެފް އާއި ގުޅިގެން އިގްތިސާދީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އެންމެހާ މަސްއޫލިއްޔަތާއެކު ވަގުތީ ބޮޑުވަޒީރަކަށް މިހާރުގެ ގުޅިފައިވާ ސަރުކާރުގައި ހިމެނޭ ބާރުގަދަ ޕާރޓީއަކަށް ނިސްބަތްކުރެވޭ އިސްޙާގް ދަރް ގެ ނަންފުޅު ހުށައަޅައިފިއެވެ.
ޕާކިސްތާނުގެ މުސްލިމް ލީގް- ނަވާޒް ގެ ފަރާތުން ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ.
އެހެންނަމަވެސް އިސްޙާގް ދަރް އަކީ މިހާރުގެ ޙާލަތުގައި އައި. އެމް. އެފް. އާއިއެކު އިގްތިސާދީ މައްސަލަ ރަނގަޅު ކުރުމަށް އެންމެ އެކަށޭނަ ބޭފުޅާކަމަށް ގަބޫލުކުރެވެއެވެ.
ރޮއިޓަރސްއިން މިކަމާގުޅިގެން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އިސްޙާގް ވިދާޅުވީ އިހަށް މަޑުކޮށްލުމަށެވެ. އިންފޮރމޭޝަން މިނިސްޓަރ މަރިޔަމް އައުރެންގްޒޭބް އަށް ދެންނެވި ސުވާލަށް ޖަވާބެއް ނުދެއްވިއެވެ.
ޕާކިސްތާނުގެ ލޯކަލް މީޑިއާއިން ޚަބަރު ދީފައިވާގޮތުގައި އޯގަސްޓް މަހުގެ 8 ވަނަދުވަހު މިހާރުގެ ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ވަގުތީ ސަރުކާރަށް ވެރިކަން ޙަވާލު ކުރެވޭނެއެވެ. އެއަށްފަހު އާންމު އިންތިޚާބު ބޭއްވުމަށްޓަކައި ވަގުތީ ސަރުކާރަށް 90 ދުވަހުގެ މުޙުލަތެއް ލިބޭނެއެވެ.
އިމްރާން ޚާނުގެ ތަޙްރީކޭ އިންސާފު ޕާރޓީން ބުނެފައިވަނީ އިސްޙާގް ގެ ވަގުތީ ސަރުކާރަކީ އިންސާފުވެރި ސަރުކާރެއް ކަމުގައި ވެގެންދާނެކަމަށް ނުބެލެވޭ ކަމަށާއި އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ބޭއްވޭނީ އިލެކްޝަނެއްގެ ބަދަލުގައި ސެލެކްޝަނެއް ކަމަށެވެ.