ކުރިޔަށް އޮތް ހަމަސް ދުވަހަށް އަރަބި ލީގުގެ ރިޔާސަތު ބަލަހެއްޓުމަށް ފަލަސްތީނާ ހަވާލުވެފައި ވީނަމަވެސް، ފަލަސްތީނުގެ ދާޚިލީ ވަޒީރު، ރިޔާދް އަލްމަލިކީ އެމަޤާމު ދޫކޮށްލައިފިއެވެ.
ދާޚިލީ ވަޒީރު ރިޔާދް، އިއްޔެ އެމަޤާމް ދޫކޮށްލައިފައިވަނީ އަރަބި ލީގުގެ ބައެއް ޤައުމުތަކުން އިސްރާއީލާއެކު ރަސްމީ އެއްބަސްވުންތަކަކަށް އަންނަމުން ދާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމުންނެވެ. އޭނާ އެކަން ސިފަކޮށްފައިވަނީ އަރަބިންނަށް ދޭ އަނިޔާއެއްގެ ގޮތުގައެވެ.
ފަލަސްތީނާއި، މުސްލިމް އުއްމަތުގެ ގިނަ މުސްލިމުން ޤަބޫލުކުރާ ގޮތުގައި، ޔޫއޭއީއާއި ބަޙްރެއިނުން ވޮޝިންޓަންގައި އިސްރާއިލާއެކު ވީ އެއްބަސްވުންތަކަކީ، އިސްރާއިލްގެ އަތްދަށުން ފަލަސްތީން ސަލާމަތްވެ، މިނިވަން ދަޢުލަތެއް ބިނާ ކުރުމަށް ކުރާ މަސައްކަތަށް ސީދާ ގޮތުން ހުރަސް އެޅުމަށް ހިންގި ޢަމަލުތަކެކެވެ.
މިމަހުގެ ކުރީކޮޅުވެސް ވަނީ އިސްރާއީލަށް ބާރުދޭ ޤައުމުތަކަށް، އަރަބި ލީގުން ވާގިވެރި ނުވާގޮތަށް ކަން ކަން ހަމަޖެއްސުމަށް ފަލަސްތީނުން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަލަސްތީންވަނީ މިކަމުގައި ކާމިޔާބު ވާގޮތް ނުވެފައެވެ.
”އަރަބި ލީގުގައި ފޮރިން މިނިސްޓަރުންގެ ތެރެއިން ރިޔާސަތު ބެލެހެއްޓުމަށް ލިބިފައިވާ ފުރުސަތު ދޫކޮށްލަން ނިންމައިފިން. ފަލަސްތީނުން ރިޔާސަތު ބަލަހައްޓާ ދައުރުގައި އަރަބި ޤައުމުތަކުން އިސްރާއިލާއިއެކު ގުޅުންތައް ”ނޯމަލައިޒް“ ކުރަމުން ދާތީ އެކަމުން ވެއްޓެނީ އަހަރެމެންގެ ޤަދަރު.“ ފޮރިން މިނިސްޓަރ މާލިކީ ނޫސްވެރިންނާ މުޚާތަބުކޮށް ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ވަކި ވަކި ޤައުމުތަކުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަރަބި ލީގުގެ ސެކެޓްރީ ޖެނެރެލަށް މިނިންމުން އަންގާފައިވާކަމަށް މާލިކީ ބުނެފައިވެއެވެ.
އިސްރާއިލުން ދަނީ ފަލަސްތީން ރައްޔިތުންގެ ބިން ނުޙައްޤުން އަތުލައި، މުސްލިމުންނަށް އިހާނެތިކޮށް ހިތާ އަނިޔާ ކުރަމުންނެވެ. މިކަމަށް އެތައް އަހަރެއް ފާއިތުވެފައިވާއިރު، މިކަން ޙައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، އަރަބި މުސްލިމް ޤައުމުތަކުން އިސްރާއިލަށް ވާގިވެރިވާކަމީ މިއަދު މުޅި މުސްލިމް އުއްމަތް ލަދުގަނެ، އިސް ތިރި ކޮށްލަން ޖެހޭ ވަރުގެ ޢަމަލެކެވެ.