އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގޮވާލައި ޖުމްހޫރީ މައިދާނުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔަ މައްސަލާގައި އެ ކޯލިޝަންގެ ފަސް ބޭފުޅަކު މިއަދު ފުލުހަށް ހާޒިރުވާން އަންގައިިފިއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި މަހިބަދޫ ދާއިރާގެ އަޙްމަދު ޠާރިޤް (ޓޮމް) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމް ސެނެޓަރު އަޙްމަދު އައިފާނު ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންގެ މައްޗަށް ކުރަނީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެރޭގެ ވަގުތެއްގައި އެ ބޭފުޅުން ދޫކޮށްލީ ތަހުގީގަށް ހާޒިރުވުމަށް އެންގުމަށްފަހުއެވެ.
ޕީޕީއެމްއިން ބުނީ މި މައްސަލާގައި ފުލުހަށް ހާޒިރުވާން އެ ބޭފުޅުންނަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. މިއަދުގެ 10:00 އިން ފެށިގެން އެކި ވަގުތުތަކުގައި ވަކިވަކިން އެ ބޭފުޅުން ހާޒިރުވާން އަންގާފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ.
ޖުމްހޫރީ މައިދާން ސަރހައްދަކީ ގްރީން ޒޯނެކެވެ. ގްރީން ޒޯންތަކުގައި އިހުތިޖާޖުކުރުމަކީ މަނާކަމެކެވެ.
![]()
