ރަޝިޔާގެ ރައީސް ޕޫޓިން ހައްޔަރުކުރަން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް މިއަންނަ އޯގަސްޓު މަހުގެތެރޭގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ ބްރިކްސް ޖަމާޢަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައިބައިވެރިވެ ވަޑައިގަތުމަށް ރައީސް ޕޫޓިން އަށް ދައުވަތު އަރުވާފައިވާނެކަން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވިދާޅުވެއްޖެއެވެ.
ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާ އާއި ޗައިނާ އަދި ދެކެނު އެފްރިކާ ބައިވެރިވެގެން އުފައްދާފައިވާ ބްރިކްސް ޖަމާޢަތުގެ މަގްސަދަކީ ދުނިޔޭގެ ގައުމުތަކުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުން މަޖުބޫރު ކޮށްފައިވާ ޙާލަތު ބަދަލުކުރުމެވެ.
ދެކުނު އެފްރިމާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ސިރިލް ރާމަފޯސާ ވިދާޅުވީ ބްރިކްސް އެންމެ އިސްވެރިންގެ މިފަހަރުގެ ބައްދަލުވުން ބޭއްވޭނީ އެބޭފުޅުންގެ ހާޒިރުގައެވެ.
އެހެންނަމަވެސް ޔޫކްރެއިންގެ ކުޑަކުދިންތަކެއް ޑިޕޯރޓު ކުރުމުގެ ތުޙުމަތުގައި ދުނިޔޭގެ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ރައީސް ޕޫޓިން ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ސަރީޙަ ބަހުރުވައިން އެމަނިކުފާނު ވިދާޅެއް ނުވިއެވެ.
އޭގެ ބަދަލުގައި އެމަނިކުފާނަށް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ކަށަވަރުކޮށް ދެއްވީ މި ސަމިޓް ބޭއްވޭނީ އަހަރެމެން އެކަކު އަނެކަކު ދެކިތިބެ އެއް ޙާޒިރުގައި ކަމަށެވެ.އަހަރެމެން އެއްތަނެއްގައި އެއްޙާޒިރުގައި ތިބެ ބައްދަލު ނުކުރާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ރޯމް ސްޓެޓިއުޓުގައި ވާގޮތުން ދެކުނު އެފްރިކާއަށް ރައީސް ޕޫޓިން ވަޑައިގެންފިނަމަ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެމަނިކުފާނު ހައްޔަރުކުރަން ޖެހޭނެއެވެ.
އެކަމަކު ލޯކަލް މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލު ވުމަކީ އެތައްގައުމެއް ހިމެނޭ ޖަމާޢަތެއްގެ އެންމެ އިސްވެރިންގެ ބައްދަލުވުމަކަށް ވާތީ ޕްރިޓޯރިޔާގެ ވިސްނުން ހުރީ ރައީސް ޕޫޓިން ހައްޔަރުކުރުމާއި ނުކުރުމުގެ އެންމެހާކަންތައް ޗައިނާގެ ބެލުމުގެ ދަށަށް ޙަވާލު ކުރުމަށެވެ.
ޗައިނާއަކީ ރޯމް ސްޓެޓިއުޓު ގަބޫލުކުރާ ގައުމެއް ނޫނެވެ. އިނގިރޭސީންގެ ނަސްލީ ތަފާތުކުރުމުގެ ވެރިކަމުގެ ދުވަސްވަރުއްސުރެން ފެށިގެން ރަޝިޔާ ހިމެނެނީ ދެކުނު އެފްރިކާގެ އެންމެ ގާތް ރަޙްމަތްތެރިންގެ ތެރޭގައެވެ.
މިސަބަބަށްޓަކައި ދެކުނު އެފަރިކާއިން ރައީސް ޕޫޓިން ހައްޔަރު ކުރުމަކީ ނުކުރާނެކަމެކެވެ. ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމައިގާވެސް ރަޝިޔާއާއި ދެކޮޅަށް އެއްވެސް އެއްޗެކޭ ބުނުމުގެ ބަދަލުގައި ދެކުނު އެފްރިކާގެ އެދުމަކީ ވާހަކަދައްކައިގެން ރަނގަޅު ޙައްލަކަށް އައުންކަން ގެންދަނީ ހާމަކުރަމުންނެވެ. މިކަމަށް ބާރު އަޅުއްވައި ރައީސް ސިރިލް ރާމަފޯސާ ވިދާޅުވީ ކޮންމެ ދޭދޭ ގައުމެއްގެ ދެބަސްވުން ޙައްލުކުރަންވެސް ދެކުނު އެފްރިކާ ބާރުއަޅަމުން ގެންދާނީ ވާހަކަދައްކައިގެން ސުލްހައިގެ މަގު ޚިޔާރުކުރުމަށެވެ.

މިއަދުގެ ދުނިޔޭގައި ދޭދޭ ގައުމުތަކުގެ ޖިއޯ ޕޮލިޓިކްސް ދިޔާވެފައިއޮތް މިންވަރުން މިގޮތަށް ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއްގައި ދެކުނު އެފްރިކާ އޮތުމަކީ މި ގައުމަށާއި މުޅި ދުނިޔެއަށްވެސް އެންމެ މަސްލަޙަތު ހުރިގޮތް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަހަރެމެންގެ ކުރީގެ ލީޑަރު ނެލްސަން މަންޑޭލާ އަހަރެމެންނަށް ދަސްކޮށްދީފައިވާ ފިލާވަޅަކީ މިއީއެވެ. މިމޭރުމުން މޮސްކޯއާއި ކީވް ސުލްޙަކުރުވުމަށްޓަކައި އެފްރިކާގެ ހަތްގައުމެއްގެ ވަފްދަކާއެކު މިދިޔަމަހު ރާމަފޯސާ ވަނީ މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
އެގައުމުތަކުގެ ހުށައެޅުމުގައި ރަޝިޔާއާއި ޔޫކްރެއިނުންވެސް ދެގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި އަސީރުން ބަދަލުކުރުމަށާއި ކުޑަކުދިން ބެލެނިވެރިންނާ ޙަވާލުކުރުމަށާއި ކަޅުކަނޑުގެ މަގުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓު ކުރުން ހުޅުވާލުން ހިމެނެއެވެ.
އެފްރިކާގެ ގައުމުތަކުން ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް ވަރަށް ގިނައިން އެތެރެ ކުރެއެވެ. އަދި މިވަގުތު ގޮވާމުގެ ބާވަތްތައ އެކްސްޕޯރޓް ކުރުމަށް ހުރަސް އެޅިފައި ވުމުގެ ސަބަބުން އެފްރިކާގެ ވަރަށްގިނަ ގައުމުތަކަކުން ކާބޯތަކެތި މަދުވުމުގެ މައްސަލަތަކާއި ކުރިމަތި ލާންވެސް ވަނީ ޖެހިފައެވެ.
ބްރިކްސްގެ އެންމެ އިސްވެރިންގެ 15 ވަނަ ބައްދަލުވުން ދެކުނު އެފްރިކާގެ މާލީ މައިމަރުކަޒު ޖޮހަނަސްބާރގުގެ ސޭންޑްޓޯން ކޮންވެންޝަން ސެންޓަރުގައި އޯގަސްޓު މަހުގެ 22 ން 24 ށް މިހާރު ވަނީ ތާވަލް ކުރެވިފައެވެ. އަދި ބްރިކްސްގެ މެމްބަރު ކަމަށް އެދި ގިނަ ގައުމުތަކަކުން ހުށައަޅާފައިވާ ކަމަށް ދެކުނު އެފްރިކާގެ ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.
އޭގެތެރެއިން ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސް އާއި ގަތަރާއި ބަހްރައިން މިސްރާއި އިންޑޮނޭޝިޔާއަށް މެމްބަރުކަން ދިނުމަށް މިފަހަރުގެ ބައްދަލުވުމުގައި ފާސްކުރެވޭނެކަމަށް ބެލެވެއެވެ.