ސިންގަޕޯރުގެ ދަތުރުފަތުރާބެހޭ ވަޒީރަށް ކޮރަޕްޝަންގެ ތުޙުމަތު

Loading

July 17, 2023
profile
Facebook
Twitter
WhatsApp

ފާއިތުވެގެން މިދާ ސާޅީހަކަށް އަހަރު ދުވަހުގެތެރޭގައި ފުރަތަމަ ފަހަރު ސިންގަޕޯރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރަކަށް ކޮރަޕްޝަންގެ ތުޙުމަތު ކުރެވުމާއެކު އެމަނިކުފާނު ވަޒީފާއަށް ނިކުންނެވުން މަނާކުރައްވައި ރަށުންބޭރަށް ވަޑާއި ނުގެންނެވޭނެގޮތަށް ޗުއްޓީގައި ހުންނެވުމަށް ބޮޑުވަޒީރު ލީ ސިއެން ލޫންގް އަންގަވައިފިއެވެ.

އަދި އެމިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ސީނިއަރ ސްޓޭޓް މިނިސްޓަރ ޗީ ހޮންގް ޓެޓް އާއި ވަނީ ޙަވާލުކުރައްވާފައެވެ. ސިންގަޕޯރުގެ ކޮރަޕްޝަން ތަޙުގީގުކުރާ އޭޖެންސީއަށް ފަޅާއަރާފައިވާ ކޮރްޕްޝަންގެ މި މިމައްސަލާގައި ދަތުރުފަތުރާ ބެހޭ ވަޒީރު އީސްވަރަންއާއި އެހެން ބައެއް ބޭފުޅުންނާ ސުވާލުކުރަން ޖެހިފައިވާ ކަމަށް ބުދަދުވަހު ބޮޑުވަޒީރުގެ އޮފީހުންވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޑުވަޒީރުގެ އޮފީހުންނެރުނު ބަޔާނުގައި ތަޙުގީގުގެ އަމާޒަކީ ކޮބައިކަން ބުނެފައެއް ނެތެވެ. 

ސުވާލުކުރެވޭ އެހެން މީހުންގެ ތެރޭގައި ހޮޓަލް ޗޭން ޓައިކޫން މރ. އޮންބެން ސިންގް ވެސް ހިމެނެއެވެ. އޮންބެން ސިންގް އަކީ ރާއްޖޭގައިވެސް ގިނަ ރެސޯޓްތަކަކަށް އިންވެސްޓް ކޮށްފައިވާ މީހެކެވެ.

ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޯންގް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ތަޙްގީގުގައި އަހަރެމެން މޭޒުދަށުގައި ނޫނީ ތަޅުންގަނޑުގައި އަޅާފާ އޮންނަ ދޫލަދަށުގައި އެއްވެސް އެއްޗެއް ފޮރުވާފައެއް ނުބާއްވާނަމެވެ. 

އެއީ ކިތަންމެ ލަދުގަންނަން ޖެހޭކަމަކަށް ވިޔަސް ހުރިހާކަމެއް ގެންދާނީ ހާމަކަމާއެކުގައެވެ. ކޮރަޕްޝަން ތަޙުގީގުކުރާ އޭޖެންސީން ބުނެފައިވަނީ މައްސަލައިގެ ޙަގީގަތް ހާމަކުރުމުގައި ތަޙްގީގު ކުރެވެމުންދާނީ އިންސާފުން ކަމަށާއި ގާނޫނުގެ ކުރިމަތީގައި އެއްވެސްމީހަކަށް ޚާއްސަ އިނާޔަތެއް ނުލިބޭނެކަން ކަށަވަރު ކުރުމާއިއެކުގައެވެ.       

އުމުރުފުޅުން 61 އަހަރުގެ އީސްވަރަން ޕާލަމެންޓުގެ މެމްބަރުކަމަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނީ 1997 ވަނަ އަހަރުގައެވެ. ކެބިނެޓުގެ ވަޒީރުކަމަށް އައްޔަން ކުރެވުނީ 2006 ވަނަ އަހަރުގައެވެ. ޓްރާނސްޕޯރޓުގެ ވަޒީރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ސިންގަޕޯރަކީ ވައިގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްކަމުގައި ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރާއި ބެހޭ ކަންތައްތައް އިތުރު އުސްމިންތަކަކަށް ގެންދިއުމެވެ.                       

ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނާ ބެހޭގޮތުން ބްލޫމްބާރގު ނިއުސް އިން އީމެއިލް މެދުވެރިކޮށް އީސްވަރަށްއަށް ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.                            

ސިންގަޕޯރަކީ ދުނިޔޭގައި ކޮރަޕްޝަންގެ މައްސަލަތައް 5 ވަނައަށް އެންމެ މަދު ގައުމުގެ ފަޚުރު ލިބިފައިވުމާއިއެކު އެގޮތުގައި އެކަން ދެމެހެއްޓުގެ ގޮތުން ސިންގަޕޯރުގެ ވަޒީރުންނަށް މުސާރައިގެ ގޮތުގައި އަހަރަކު 1.1 މިލިއަން ސިންގަޕޯރ ޑޮލަރުގެ މުސާރައެއް ލިބިދެވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ގެ ކޮރަޕްޝަން އިންޑެކްސްގައިވެސްސިންގަޕޯރު ހިމެނިފައިވަނީ 5 ވަނައަށެވެ.                      

ސިންގަޕޯރ މެނޭޖްމެންޓް ޔުނިވަރސިޓީގެ ޕްރޮފެސަރ ޔޫޖިނީ ތާން ވިދާޅުވެފައިވަނީ ފާއިތުވެގެން މިދާ 37 އަހަރު ދުވަހުގެ ތެރޭގައި ސިންގަޕޯރެ ވަޒީރަކުގެ މައްޗަށް ކޮރަޕްޝަންގެ ތުޙުމަތެއް ކުރެވުނު މިއީ ފުރަތަމަ ފަހަރުކަމަށެވެ.1986 ވަނަ އަހަރު އޭރުގެ ނޭޝަނަލް ޑިވެލޮޕްމެންޓާބެހޭ ވަޒީރުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ ތުޙުމަތު ކުރެވުނެވެ. އެހެންނަމަވެސް ޝަރުޢީ ފައިސަލާއަކާއި ހަމަޔަށް ނުދަނީސް އެމަނިކުފާނު އަވަހާރަވެއްޖެއެވެ.                                                        

ކުރިމަތިވެފައިވާ މައްސަލައިގެ ސަބަބުން 2025 އަހަރުގައި ބޭއްވުމަށް ކަނޑައެޅިފައިވާ އާންމު އިންތިޚާބަށް ކޮންމެވެސް ވަރަކަށް ނުރަނގަޅު ހިޔަނި އެޅިދާނެ ކަމަށް ބެލެވެއެވެ. 1965 ވަނައަހަރު ސިންގަޕޯރ މިނިވަންވީއްސުރެން ވެރިކަން ކުރަމުން ގެންދަނީ ޕީޕަލްސް އެކްޝަން ޕާރޓީންނެވެ.

އެ ޕާރޓީން ގެންގުޅެމުން އަންނަނީ ކޮރަޕްޝަނާދޭތެރޭ ޒީރޯ ޓޮލަރެންސުގެ ސިޔާސަތެކެވެ. 

ރާއްޖޭގައިވެސް އޮންނާނީ ޒީރޯ ޓޮލަންސް ކަމުގައި ރައީސް އިބްރާހިމް މުޙަައްމަދު ސޯލިޙުވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ސިންގަޕޯރ 5 ވަނާގައި އޮތް އިރު ދިވެހިރާއްޖެ އޮތީ 85 ގައެވެ.                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް