މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ 2 ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލްގެ މަގުސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއެކު މުޅި މާލެ ސިޓީ ތަމްސީލވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުން ކަމަށެވެ.
ކުރިއެކޭ އެއްގޮތަށް މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ކުރިން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.
![]()
