ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ މާޗުމަހުގެ 20 ދުވަހުގެރޭ ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި, އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި, ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:
މުޙައްމަދު ޢައްބާސް/ ހުޅުމާލެ ގޯތި 11328.
އަޙްމަދު ރަޝީދު/ދަފްތަރު ނަންބަރު ރސ 9151.
އަޙްމަދު ޢަޒީލް/ހުޅުމާލެ ފްލެޓް 06-2-154.
މި ތިން މީހުންގެ މައްޗަށް ދައުވާކުރަން ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހުކަމަށް ޕީޖީން ބުންޏެވެ.
އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:
އަޙްމަދު ސިނާން/ގއ.ދެއްވަދޫ އެސްޓަންވިލާ.
މަރްޔަމް މާޝާ/ށ.ބިލެތްފަހި ސޭޑީކޯނަރ.
ޕީޖީ އޮފީހުން ބުނީ މި ދެ މީހުންކުށުގެ ދައުވާ ކުރަން ހުށަހެޅީ މިދިޔަ މަހުގެ 16 ގައި ކަމަށެވެ.