ޗާގޯސް ކޯލިޝަން މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީއިން ’ނާޒިމް ބުނީ ކީކޭ؟‘ ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ދެއްކެވި ވާހަކައިގައެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ކޯލިޝަނުގައި އެމްއެންޕީގެ އިތުރުން ހިމެނެނީ ޕީޕީއެމް/ޕީއެންސީ, ޖޭޕީއާއި ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން” ފެކްޝަނާއި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރެވެ.
އެ ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަގާމުން އަޒުލުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުގެ މަސައްކަތް ފަށައިފައެވެ.
ނާޒިމް ވިދާޅުވީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސަށް ލިބިވަޑައިގެންފައި ނުވާ ބާރެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައިކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ މި ސަބަބާހުރެ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ސޮއިކުރެއްވިކަން ހާމަކުރައްވައިފައެވެ.
މީގެއިތުރުން ނާޒިމް ވަނީ ޗާގޯސް މައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެމްއެންޕީއިން ފުރިހަމައަށް އެއްބާރުލުންދޭނެކަމަށް ވެސް ވިދާޅުވެފައެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. 19 ވަނަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން އެއީ 29 މެންބަރުންނެވެ.
One Response
ބަޢާވާތެއް ވިއްޔާ ކުރީ ސަފުގައި ހުންނާނެކަމުގައި ތާރީޚް ހެކިދެއެވެ. ޔާމީނު މީނަ ބުރުވާލީވެސް އެހެންވެގެންނެވެ.