އިދިކޮޅުގެ ފަހުބަސް އިއްވައިފި: މަސްކަނޑު އަނބުރާ ހޯދަން ކުރެވެން ހުރި ކަމެއް ކުރާނަން 

Loading

Facebook
Twitter
WhatsApp

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި މި ސަރުކާރުން އަމަލުކުރި ގޮތާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރަސްމީ ބަސް އިއްވައިފިއެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މީގެކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ. 

މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ނިންމީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން ފުށުއަރާ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ސަރަހައްދެއް ލިބިގެންވާ ކަމަށެވެ.

އިޓްލޮސްއިން ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިރޭ ވަނީ އެ ކޯލިޝަންގެ ރަސްމީ ބަޔާން ނެރެފައެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވަނީ  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގެ އައްޑޫ ސިޓީގެ ދެކުނުން ފޯޅަވަހީގެ އުތުރުން އޮންނަ ސަރަހައްދުން 45331 އަކަކިލޯމީޓަރު ގެއްލޭ ގޮތަށް އިޓްލޮސްއިން ކުރި ހުކުމުގެ ސަބަބުން މުޅި ދިވެހި ދައުލަތަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް, ޚާއްސަކޮށް ރާއްޖޭގެ މަސްވެރި އާއިލާތަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އެ ކޯލިޝަނުން ގަބޫލުކުރާ ކަމަށެވެ. 

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސް އިން ހުކުމް ކުރުމުގައި ރިއާޔަތްކުރި އެންމެ މުހިންމު ހެއްކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް 2022 ވަނަ އަހަރު ފޮނުއްވި ސިޓީކަމަށް އެ ހުކުމުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި 1992 އިން ފެށިގެން ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް އަންގަވާފައިވަނީ ވެސް އެ ސިޓީންކަން އެ ހުކުމުން ދޭހަވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

“ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށް ސަރުކާރުން ކުއްލިއަކަށް ޤަބޫލުކުރުމާއި އެކަން ’ސިއްރު‘ ސިޓީއަކުން މޮރިޝަސްއަށް އެންގުމާއި ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ދެބަޔަށް ބަހަން ސަރުކާރުން ކުއްލިއަކަށް އެއްބަސްވެފައިވަނީ އަޑި ނޭނގޭ ޑީލްތަކެއް ހަދައިގެން ކަމަށް ސަބަބުވެރި ކޮންމެ އިންސާނަކު ގބޫލު ކުރާނެ.“

އަދި މިކަމުގައި 500 މިލިއަން ޑޮލަރުގެ ޑީލެއް ރައީސް ޞާލިޙާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހައްދާފައިވާ ކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހާމަކުރައްވާފައިވާއިރު, ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތް ކުރުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް ސަރުކާރުން އަމަލުކޮށްފައިވާކަން ދޭހަވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

“މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ދިވެހި ގައުމަށް ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއް. އެކަން މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“

އެކަމުގެ ފުރިހަމަ ޒިންމާ އެ ފަރާތްތަކުން ނަންގަވަންޖެހޭނެ ކަމަށާއި ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ދަރުބާރަށް އެ ފަރާތްތައް ހާޒިރު ކުރެވޭނެކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވަނީ އިޓްލޮސްގެ ހުކުމް އެ ކޯލިޝަނުން ބަލައިނުގަންނަ ކަމަށް ބުނެ, ދިވެހި ރައްޔިތުންނަށް ޣައްދާރުވި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ. އެ ގޮތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހަޅައި ވިއްކާލާފައިވާ ދިވެހި ރައްޔިތުންގެ މަސްކަނޑު އަނބުރާ ހޯދުމަށް އެ ކޯލިޝަނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް