ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ޒޯނުން 45000 އަކަކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭ ގޮތަށް އެ ސަރަހައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެކަމަށް އެއްބަސްވެ ދިވެހި ސަރުކާރުން އަމަލުކުރެއްވި ގޮތް މާލޭ ސިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މިދިޔަ ހުކުރު ދުވަހުގެ ކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން މިދިޔަ ހުކުރު ދުވަހު ނިންމީ ދެ ގައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަމަށެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ މަސްވެރިން މިހާތަނަށް މަސް ބާނަމުން އަންނަ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް ނިންމާފައިވާކަމީ ހަމައެކަނި ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބޭ ގެއްލުމެއް ނޫން ކަމަށެވެ. އެހެނީ ރާއްޖޭގެ މަސްވެރިންނަކީ އެއިރެއްގައި މަސްބޭނޭ ހިސާބަކަށް ދަތުރުކޮށް މަސްބާނަމުން އަންނަ ބަޔަކަށްވާތީ މާލޭ ސިޓީގައި ދިރިއުޅޭ މަސްވެރިންނަށް ވެސް އެކަމުގެ ސަބަބުން ހިތަށް ނުގެނެވޭހާ ގެއްލުން ކުރިމަތިވެ ރާއްޖޭގެ މަސްކަނޑުތަކުން މަސް ހުސްވެ މަސްވެރިން ނިކަމެތި ވެދާނެ ކަމެއްކަމުގައި ދެކޭތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލި ދިޔަ ދިއުމަކީ އެ ކައުންސިލުން ނުހަނު ހިތާމަކުރާކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދުނިޔެ ބަލައިގެންފައިވާ ނަމޫނާ ދެމެހެއްޓެނި މަސައްކަތަކަށްވާއިރު ދިވެހިރާއްޖެއާއި އިންވެގެން ދާއަޅައިގެން ކުރާ މަސްވެރިކަމުގެ ސަބަބުން ޒަމާންވީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުކުރާއިރު އެކަމުގެ އަސަރު މާލޭ ސިޓީގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ވެސް ކުރާނެކަމީ ޝައްކެއް ނެތްކަމެއް ކަމަށެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދިޔަ ދިއުމަކީ މަސްވެރިކަމުގެ ސިނާއަތުގައިވާ އެންމެ ގިނަ މަސްވެރިކަމުގެ އުޅަނދުތައް ހިމެނޭ މާލޭ ސިޓީގެ އޮޑިދޯނި ފަހަރާއި ރާއްޖޭގެ އެހެނިހެން ސަރަހައްދު ތަކުގެ އޮޑިދޯނިފަހަރުގެ ވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންނާއި އަދި އެ ހުރިހާ ފަރާތްތަކެއްގެ އާއިލާތަކަށް ކުރިމަގުގައި ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ ކަމެއް ކަމުގައި މި ކައުންސިލުން ދެކޭ ކަމަށެވެ.
“އެއީ އެއްވެސް ހާލެއްގައި މި ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށް މި ކައުންސިލުން ނުދެކެން.“
އެހެންކަމުން މާލޭ ސިޓީގައި ދިރިއުޅޭ މަސްވެރިންނަށް ލިބޭ ކޮންމެ ގެއްލުމަކީ މާލޭ ސިޓީ ކައުންސިލުން ވެސް ބަސްބުނަންޖެހޭ އަދި މި ކައުންސިލުގެ މަސްލަހަތު ހިމެނޭ ކަމެއްކަމުގައި ދެކޭތީ ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ކައުންސިލުން ވަނީ ގޮވައިލާފައެވެ.