ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެމްއާރްއެމްއަށް ދީފައިވާ ދައުވަތާ ގުޅިގެން ބޭއްވި ދެވަނަ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ފަަސް ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ފުރަތަމަ ބައްދަލުވުން އޮތީ ރައީސް ޞާލިޙާއެކުއެވެ. ދެވަނަ ބައްދަލުވުން ކުރިއަށްދިޔައީ ރޭ އެމްއާރްއެމްގެ އޮފީހުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި އެ ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެމްއާރްއެމްއިން ހުށަހެޅީ ކޯލިޝަނަކަށް ދިއުމުގެ ކުރިން ޔަގީންކުރަން ބޭނުންވާ ބައެއް ކަންކަމެވެ.
އެމްއާރްއެމްގެ ފަރާތުން އެ ބައްދަލުވުމުގައި އިސްކޮށް އިންނެވީ އެ ޕާޓީގެ ރައީސް ފާރިޝް މައުމޫނެވެ. އެ ބައްދަލުވުމުގައި އެމްއާރްއެމްއިން މައިގަނޑު ފަސް ކަމެއް ހުށަހެޅިއެވެ.
އެ ކަންކަމަކީ:
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތަށް އެދުން.
ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރްއެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.
ކޯލިޝަން އެއްބަސްވުމަށް އިހުތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން.
މި ނުކުތާތަކާއި އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.