ގދ.ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ޚިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައްވައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.
ޙުސައިން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި, އެ ޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45,000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ބޭނުންކުރުން އެންމެ ރަނގަޅުކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ސިޓީއަކުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރަށް އަންގާފައިވާ ކަމަށެވެ.
ހަމައެހެންމެ ފަރެސްމާތޮޑާގެ ފުޓްބޯޅަދަނޑު ރަނގަޅު ފެންވަރެއްގައި ހެދުމަށްޓަކައި ބޭނުންވާ ވެލި އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށް ޔޫތް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު މަޝްވަރާ ކުރެވި, ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތް ވެސް ނުފެށި, އަދި ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށްޓަކައި ވެލި ނެގުމަށް ސާވޭގައި ހިމެނިފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށްވާއިރު, ފަރެސް މާތޮޑާއާއި ގުޅިފައިވާ ސަރަހައްދު ކޮނެގެން 45,000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިއުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެށްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައެވެ.
ޙުސައިން ވިދާޅުވި ގޮތުގައި ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ހުއްދަ ދީފައެއް ނުވެއެވެ. އެހެންކަމުން މިގޮތަށް ވެލިގެންދިއުމަކީ ގަވައިދާ ޚިލާފަށް ކުރަމުންދާ ކަމަކަށްވާތީ މިހާރުން މިހާރަށް ފަރެސް މާތޮޑާ ސަރަހައްދުން ކޮނެގެން ވެލިނަގައި ވެލި ބޭރުކުރުން ހުއްޓުވުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ނުފެންނަކަމަށް 32 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ. ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން އޭގެތެރޭގައި ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.