“އަޅުގަނޑުމެންގެ ގޮފި, ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ,“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން “ހޫނުވެފައި“ ހުންނެވި ހުންނެވުމާއެކު, މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ނުކުމެވަޑައިގެން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިހެންނެވެ.
މިދިޔަ ޖެނުއަރީމަހުގެ 30 ވަނަ ދުވަހުގައި ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމަށާއި ޕާޓީގެ ރޫހާއި އުސޫލުތައް ވެސް އެކަމަށް ޖާގަދޭ ކަމަށެވެ.
ވިދާޅުވީ ޕްރައިމަރީގައި ހޮވިވަޑައިގެންނެވި ކެންޑިޑޭޓަކާ އެކީ ކުރިއަށް ގޮސްގެން އެމްޑީޕީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.
“އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިންގޭނީ އިންތިޒާމުވެގެން,“ ފިކުރެއްގެ ދިރުމުގެ ގޮތްޕަށް 50,000 މީހުން ހަމަކޮށް އިންތިޒާމުވާންޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޟް އިސްމާޢީލް އެ ދުވަހު ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުކޮށް, އެ ގޮތަށް އެކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ނުކުރެއްވުމަށާއި އަލުން ވިސްނެވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ ގޮފި ނުހެދުމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓުން އެންގި ނަމަވެސް އެ އެންގުމަކީ އެމަނިކުފާނު “އަމަލުކުރާނެ“ އެންގުމެއް ނޫން ކަމަށެވެ.
ނަޝީދަށް ދޫދެއްވައި އެންމެ ފަހުން އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ގޮފި ހެދޭނެ ކަމަށާއި ގޮފި ހިނގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސް, ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަށް އެއްވެސް ކަމެއް ކުރައްވައިފާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި ކުރައްވަންޏާ ގަވާއިދުގެ ތެރެއިން އެކަމެއް ހައްލުކުރާނެ ކަމުގައެވެ.
ނަމުން މަންޑޭލާ, ކަމުން މުގާބޭ:
މާޒީގެ ސޮފުހާތައް ކިޔައިދޭ އެއް ވާހަކައަކީ ނަޝީދު ބޭނުންވެވަޑައިގެންނެވި ކަމެއް, ބޭނުންވެވަޑައިގެންނެވި ވަގުތަކު, ބޭނުންވެވަޑައިގެންނެވި ގޮތަކަށް ވާންޖެހޭނެ ކަމެވެ. ނުވެއްޖެނަމަ ގަދަބާރުން ވިޔަސް އެކަމެއް ކުރެއްވޭނެ އުސޫލެއް އެމަނިކުފާނަށް ޚާއްސަ ކޮށްފައި އޮންނާންޖެހޭނެ ކަމެވެ. މަންޒިލް މަގުސޫދަށް ވާސިލުވެވަޑައިގަތުމަށް ގާނޫނާއި ގަވާއިދުތައް ވެސް “މުގުރައިލެވެން“ ޖެހޭނެ ކަމެވެ.
ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުން ވެސް ވީ އެކަހަލަ ކަމަކަށެވެ. ނަމުން މަންޑޭލާ ހެއްދެވިގެން އުޅުއްވި ނަމަވެސް, ނާކާމިޔާބީގެ ރަހަ އަރުތެރެއަކުން ނުދިޔައެވެ. ޑިމޮކްރަސީގެ “އައްޕަ“ ކަމަށް ދައުވާ ކުރެއްވި ނަމަވެސް ހަޖަމެއް ނުކުރެއްވުނެވެ. ޕާޓީތެރެއިން ތިމަންމަނިކުފާނަށް މިހާރު މާބޮޑު ތާއީދެއް ނެތްކަން ގަބޫލުކުރައްވާކަށް ބޭނުންވެވަޑައެއް ނުގަތެވެ.
ދެން އޮތް ގޮތަކީ ޕާޓީގެ އުސޫލުތައް މުގުރައިލައްވައިގެން ވިޔަސް ސިޔާސީ ކަނޑަށް ޣަރަގުނުވާނެ ގޮތެއް ބައްލަވައި ސަލާމަތުގެ އައްސޭރިއަށް ވަޑައިގެންނެވޭނެ ފިލާ ފޮއްޗެއް ނަމަވެސް އަތްޕުޅުގައި ޖެއްސެވޭތޯ ބެއްލެވުންތާއެވެ!
ކުރިން ވިދާޅުވަމުން ގެންދެވީ ކޯލިޝަނަކީ ސަރުކާރު ހިންގުން ގަޑުބަޑުކުރާ އެއްޗެއް ކަމަށެވެ. ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް މިއަދު ހުރިހާ ކަމެއް “ބޮޑުވަރިހަމަ“ ވެއްޖެއެވެ. ކޯލިޝަން ހައްދަވައި, ފަހަތު ސީޓުގައި އިންނަވަން ވެސް މިހާރު އޯކޭއެވެ. އޯކޭވެވަޑައިގަތީ އަމިއްލަ އެދުންފުޅަށްޓަކައި ނޫން ދެން ކޮން ބޭނުމަކު ހެއްޔެވެ.
އެ ގޮތުން “ފިކުރެއްގެ ދިރުން“ ފެކްޝަނުން މިހާރު އަންނަނީ ރިޔާސީ އިންތިޚާބުގައި ޤާސިމާއެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. ނުވިތާކަށް ޖުމްހޫރީ ޕާޓީއާއި “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް އެކުލަވައިލުމަށް ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރެއްގެ ވެސް މަސްއޫލިއްޔަތެކެވެ. ހަމައެއާއެކު ޕާޓީގެ ކޮންގްރެސްއާއި ގައުމީ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެކެވެ.
ގައުމީ މަޖިލީހުން ވަކި ގޮތެއް ނިންމާފައި ވަނިކޮށް, ޕާޓީގެ ރައީސަށް ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ނުކުރެއްވޭނެއެވެ.
ގައުމީ މަޖިލީހުން ވަނީ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވާން ފެނިއްޖެނަމަ, އެ ފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވައިލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދީފައެވެ.
އެހެންވީއިރު ޕާޓީގައި ހުންނަވައިގެން ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށްވުރެ ވަކި އަސާސީ ގަވާއިދާ ޚިލާފުވާ އެހެން ކަމެއް އެބައޮތް ހެއްޔެވެ.
ނަޝީދަށް ފިޔަވަޅު އަޅާކަށް ނުކެރުނު:
ނަޝީދަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފައްޔާޟް ވިދާޅުވީ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް ޞާލިޙްގެ އަތްޕުޅުގައި ކަމަށާއި ނަޝީދު ކުރައްވާ ކަމެއްގެ ސަބަބުން ކަންބޮޑުވެ “ގުޑުގުޑު ނާޅާ“ ކަމަށެވެ.
ފައްޔާޟް ވިދާޅުވީ ނަޝީދަކީ އެމްޑީޕީ އުފެއްދުމަށާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި “ފަހަތަށް ޖެހިލައިގެން މި ތިބެނީ“ އެ އިހުތިރާމު ނަޝީދަށް ދިނުމުގެ ގޮތުން ކަމަށެވެ. މި ތިއްބެވީ “ބިރަކުން ވެސް ނޫން“ ކަމަށާއި, “އަޅަން ޖެހިއްޖެ ފިޔަވަޅެއް, އެ ހާލަތަކަށް ގޮސްފިނަމަ ކޮންމެ ބޭފުޅަކާ ދޭތެރޭ ވެސް އަޅާނަން“ ކަމަށެވެ. ނަމަވެސް އެ ހާލަތެއް އަދި ނެތްކަމަށް ވެސް ވިދާޅުވިއެވެ.
އެއަށްފަހު އަނެއްކާވެސް ނަޝީދުގެ ކިބައިން އެދިވަޑައިގަތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށެވެ. އެއާ ވިއްދައިގެން ދެން ވިދާޅުވީ ނަޝީދާ ނުލައި ވެސް އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގައެވެ.
ނަޝީދުގެ ޖަވާބަކަށްވީ އިތުރަށް ކުރައްވަންޖެހޭ މަޝްވަރާއެއް ވެސް ނޯންނާނެ ކަމުގައެވެ. އެ ޖަވާބާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އިދިކޮޅަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ފުޅާ ވެސް ކުރައްވައިފިއެވެ.
ސުވާލަކީ ފައްޔާޟް އެ ވިދާޅުވާ ފިޔަވަޅު އަޅަންޖެހޭ ހާލަތު އަދިވެސް ނާންނަނީ ހެއްޔެވެ. ނަޝީދަށް ފިޔަވަޅު އެޅުން އެއް ފަރާތުގައި ބާއްވާފައި އިންތިޚާބު ކާމިޔާބުކުރަން ފޯކަސް ކުރާ މިންވަރު ހަމަ ބޮޑީ ހެއްޔެވެ.
ނަޝީދު ވިދާޅުވާ ކަހަލައެވެ. ތިމަންމަނިކުފާނަށް ފިޔަވަޅެއް އަޅާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.
4 Responses
ފޫޅު އާދަމްފުޅު ހެދިކާ ވިއްކާން ގޮވަނީ.
ފެހި.
ރޮނީ
ކަލޯ އަކީ ކާކުކަން ނުދަންނަ މީހަކު މި ދިވެހިރާއްޖެއަކު ނުހުންނާނެ ތިޔަހަލަ ގަދަ ބަސް ބުނެފާހުއްޓާ ކަލޯގެ ވެރިކންވެސް ބީވެގެން ދިޔާއީހިތިގޮތަކަށް ކަލޯ ހަދާންނެއް ނުވޭތޯ