މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް ފާރިޝް މައުމޫނަކީ ރަނިންމޭޓް ކަމަށް ގާާބިލު ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ އެމްއާރްއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ދަރިކަލުން ފާރިޝާއެކު މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޖޭޕީގެ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފާރިޝް ހަމަޖެއްސެވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޤާސިމް ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފާރިޝްވުމަކީ ވެސް ހަމަ ވެދާނެކަމެއް ކަމަށެވެ. އަދި ފާރިޝަކީ އެކަމަށް ގާބިލު ބޭފުޅެއްކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
“ހަމަ ޕޮސިބަލް ދެއްތޯ. ކީއްވެގެންތޯ ނުވާންވީ. އެއީ ހަމަ ޕޮސިބަލް ކަންތައްތައް. ވައި ނޮޓް. މިހެން މިދެންނެވީ ގާބިލު ތައުލީމީ ބޭފުޅެއް އެބޭފުޅާއަކީ.“
މީގެއިތުރުން ޤާސިމް ވިދާޅުވީ ފާރިޝް ރަނިންމޭޓަކަށް ހަމަޖެއްސުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށް ނުވާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންފާރިޝް ވިދާޅުވި ގޮތުގައި ޤާސިމް މަޝްވަރާ ކުރެއްވީ ޖޭޕީން އިސްވެ އޮވެ އުފައްދާ ސަރުކާރެއްގައި އެމްއާރްއެމްގެ ބައިވެރިވުން ހޯއްދެވުމާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް ޖޭޕީއާއެކު ކޯލިޝަނެއް ހަދާ ހިސާބަކަށް އަދި މަޝްވަރާތަކެއްނުދާ ކަމަށް ފާރިޝް ވިދާޅުވިއެވެ.
ފާރިޝް ވިދާޅުވީ އެކަމުގައި އިތުރަށް މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ގޮތުން ޤާސިމްގެ ފަރާތްޕުޅުން ތިން ބޭފުޅަކު ކަނޑައަޅުއްވައި ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވަން ނިންމަވާފައިވާ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވި ނަމަވެސް އެމްއާރްއެމްއިން އިސްވެ އިންތިޚާބަށް ނުކުންނަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަމަށް ވެސް ތައްޔާރަށް ތިއްބެވި ކަމަށް ފާރިޝް ވަނީ ވިދާޅުވެފައެވެ.