ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ, ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވައިލައްވާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ.
މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވެވުމެވެ.
ޝަރީފްގެ ގަރާރުގައި ވިދާޅުވެފައިވަނީ, ޖީއެސޓީ ބޮޑުކުރުމާއެކު ކާބޯތަކެއްޗާއި މުދަލާއި ޚިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން 7 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 އިންސައްތަ އިތުރުވެ, ނިސްބަތުން ވޭތުވެދިޔަ އަހަރުގެތެރޭގައި 75 އިންސައްތައަށްވުރެ އިންފްލޭޝަން އުފުލިފައިވާކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާއިރު, ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުންދާކަމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ޚިދުމަތުގެ އަގުތައް އުފުލެމުންދާކަން ވެސް ގަރާރުގައި ފާހަގަކުރައްވައިފައެވެ.
“ޚާއްސަކޮށް ރަމަޟާންމަހަށް ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު, ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތްއިރު އަދި ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު…“ ގަރާރުގައި ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ޝަރީފް ވަނީ ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚިދުމަތުގެ އަގު ހެޔޮކޮށް ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ރާވައި, ޚާއްސަކޮށް ރަމަޟާންމަހު ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ.
One Response
ތިޔަ ކިޔާ ޓެކްސްތައް ކަނޑާލާފާ ދެން އަގުކުޑަކުރާ ވާހަކަ ދައްކަވާށެވެ.