އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރިއަށް ގެންދިޔަ އޮޮޕަރޭޝަން ހުއްޓާލައިފިއެވެ.
އައްޑޫ ސިޓީއާ މާލެއާ ދެމެދު މުދާ އުފުލާ ބޯޓެއްކަމަށްވާ އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޯޓު އަޑިއަށްދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.
އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައެވެ. އޭރު ބޯޓުގައި 5 ދިވެހިންނާއި, އިންޑިއާގެ 5 މީހުންނާއި ބަންގްލަދޭޝްގެ 5 މީހުން ތިއްބެވެ.
އޭގެތެރެއިން 14 މީހުން ކަނޑުވެފައި ތިއްބައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެ މީހުން ސަލާމަތްކޮށްފައެވެ.
ގެއްލިގެން ހޯދަމުން އައީ އިންޑިއާ މީހެކެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން 72 ގަޑިއިރަށްފަހު ހުއްޓާލާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 ސްކެއާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އާގަލާ ބޯޓުގައި އަލިފާން ރޯވެފައި. ފޮޓޯ: އެމްއެންޑީއެފް
![]()
