މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިމަޖެންސީގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވުމުން އިމަޖެންސީގައި އަނބުރާ ވީއައިއޭއަށް ޖެއްސީ މިއަދު ހެނދުނު ލ.ކައްދުއަށް ފުރި ފްލައިޓެކެވެ.
މޯލްޑިވިއަންއިން ބުނީ ފުރިތާ މާގިނައިރެއް ނުވަނީސް ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ޕައިލެޓަށް ފާހަގަކުރެވުމުން އަނބުރާ ޖެއްސީ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަންއިން ބުނީ އެ އެއާލައިންގެ އިންޖިނިއަރުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މެންދުރު 13:00 ގައި އަލުން ދަތުރު ފެށޭތޯ ބަލަމުން އަންނަ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.
![]()
