ޚާރިޖީ ސިޔާސަތުން މިއަދު އެއްވެސް ވަރެއްގެ މިނިވަންކަމެއް ނެތް ކަމަށާއި ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގެ ބާރުވެރިކަމެއް ރާއްޖެއަށް ނެތް ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ”ނާޒިމް ބުނަނީ ކީކޭ؟“ މި ނަމުގައި އެމްއެންޕީއިން ބޭއްވި ކްލަބް ހައުސް އިވެންޓެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
“އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުން މިއަދު އެއްވެސްވަރެއްގެ މިނިވަންކަމެއް މިއަދު އަޅުގަނޑުމެންގެ ނެތޭ. ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގެ ބާރުވެރިކަމެއް ވެސް އަޅުގަނޑުމެންގެ ނެތޭ.“
އެ ގޮތުން ދައުލަތުގެ ހުރިހާ ނިންމުންތަކާއި މުދާތައް ވެސް އެއް ގައުމެއްގެ ނުފޫޒުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށާއި ދައުލަތުގެ ބޮޑެތި ސްޓެރެޓެޖިކް އިންވެސްޓްމަންޓްތަކާއި ލޮކޭޝަންތަކާއި ދިފާއީ ބާރުތަކުގެ މުހިންމު ތަންތަނާއި އިންވެސްޓްމަންޓްތައް ވެސް ހަމަ އެއް ގައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދުނިޔޭގެ މަސްރަހުގައްޔާއި މި ސަރަހައްދުގައި މިހާރު ހިނގަމުންދާ ޖިއޮ ޕޮލިޓިކްސްގެ ހަނގުރާމައިގައި ރާއްޖެއިން ފާޅުގައި ކޮޅެއްނަގައި މި ހަނގުރާމައިގައި ރާއްޖެ ނަގާފައިވާ ކޮޅުގައި ތިބި ގައުމުތައް ނޫން ގައުމުތަކާއި ދުރުވެ އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާ ވެސް ދުރުވެފައިވާ ކަމަށެވެ.
އަދި އެއީ ރާއްޖެއަށްބޮޑު ނުރައްކަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ހަނިމާދޫ އާއި އައްޑުއަތޮޅު ގަމުގެ އެއާޕޯޓްގެ ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ބަލާއިރު އެކި ގައުމުތަކުން އިގުތިސާދީ ނުފޫޒު ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިންޑިޔާގެ ކުންފުނިތަކެއްގެ އަތްދަށުގައި މި ދެ ސަރަހައްދު އޮތުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ބާރުވެރިކަމެއް އޮތުމަކަށް ވެސް އަދި އެހެން ގައުމެއްގެ އަސްކަރީ ބާރުވެރިކަމެއް އޮތުމަކަށް ވެސް އެ މަނިކުފާނު ވެސް އަދި އެމްއެންޕީން ވެސް ނޭދޭ ކަމަށެވެ.
![]()

One Response
އެންމެ ރަނގަޅުގޮތަކީ ސައިޒް އެގިލައްވައިގެން ޕޕމ އާއި ގުޅުމެވެ. ނާޒިމް ސާރ މިލިޓަރީ ގޮތުން ކިތަންމެ ގާބިލުވިޔަސް އަދި ތި ޕާޓީއަށް 5000 ވޯޓް ނުލިބޭނެއެވެ. މިލިޓަރީ ބެކް ގްރައުންޑަކީ ދައުލަތެއް ހިންގުމަށް ބެސްޓެއް ނޫނެވެ. ޑިފެން މިނިސްޓްރީ އަދިވެސް ހޯއްދަވާށެވެ. އެހެނަސް ނުކިއްސަރު ކަންތައްތައް ނުކުރައްވައްޗެވެ.