ވިލިމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގަނީ: މޭޔަރު ވިދާޅުވަނީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދާނެކަމަށް

Loading

Facebook
Twitter
WhatsApp

ވިލިމާލޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ގާނޫނުން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ.

ގިނަ އަދަދެއްގެ ރައްޔިތުންނާއެކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ގިނަ މަސައްކަތްތައް މި އަހަރުތެރޭ ނިންމައިލެވޭނެ ކަމަށެވެ.

އެ ގޮތުން އަންނަ އޭޕްރީލް 01 ވަނަ ދުވަހު 60 މުވައްޒަފުން މަގުފާރަވެރިންގެ ގޮތުގައި މާލޭގެ މަގުތައް ބަލަހައްޓަން ނިކުންނާނެ ކަމަށާއި އީދަށްފަހު މާލޭގެ ލޯކަލް މާރުކޭޓު ބަންދުކޮށް އެ ޚިދުމަތް އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށާއި އެތަނުގައި 04 ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި މަހުގެ 09 ވަނަ ދުވަހު ވިލިމާލޭގެ ބަގީ ސަރވިސްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

 ވިލިމާލޭގައި ކުރިއަށްގެންދާ އެހެން މަޝްރޫއުތައް:

ޕިކްނިކް ދިޔުމަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރުން.

އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހެދުން.

ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތައް ގާއިމުކުރުން.

ކުޑަކުދިންގެ ޕާކުތައް ހެދުން. 

އެންމެ ބޮޑެތި ސައިޒުގެ ފުޓްސެލް ދަނޑުތައް ހެދުން.

“ސަންދާނު“ އަށް މައުލޫމާތު ދެއްވަމުން މޭޔަރު މިރޭ ވިދާޅުވީ ޕިކްނިކް ސަރަހައްދުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދާ ކަމަށެވެ. އަދި ދެ މަހެއްހައި ދުވަސް ތެރޭގައި އެ ތަނުގެ މަސައްކަތްތައް އެއްކޮށް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

“އެ ތަނުގަ ހަދާ ޝަވަރ ރޫމާއި ޗޭންޖިންގ އޭރިއާއާއި  މި ކަންކަމުގެ އަމަލީ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ. އަދި އެތާ ހުންނާނެ ބައިވަރު އެހެން ފެސިލިޓީސްތައް ވެސް, މޫދަށް އެރޭ ސަރަހައްދުގަ ހުންނަ ބައެއް ފީޗާސްތަކާއި ބާބަކިއު އޭރިއާއަކާއި މިކަހަލަ ކަންކަން ވެސް ކުރިއަށްދާނެ.“

މޭޔަރު ވިދާޅުވީ ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތަކުގެ މަސައްކަތާއި ފުޓްސެލް ދަނޑުގެ މަސައްކަތަށް ވަރަށް އަވަހަށް ބިޑަށް ހުޅުވައިލާނެ ކަމަށެވެ. ކުޑަކުދިންގެ ޕާކުގެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ނަމަވަސް އެކަމުގެ ޕްލޭންތައް ނިމި އެކަން ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

“އަދި ވަކި ފަރާތެއް ހަމައެއްނުޖެހޭ. ނަމަވެސް ޕާކުގެ ޑިޒައިނިންގއާއި ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައި. ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް އެކަމަށް ވަކި ޚާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ. އަޅުގަނޑުމެންގެ ޕާކަކީ ގަސްތަކުގެތެރޭގަ, ގަސްތައް ބޭނުންކޮށްގެން އެކި ކަހަލަ އެކްޓިވިޓީސް ހިންގޭ ގޮތަށް ހަދާ ޕާކެއް.“ ސަންދާނަށް ދެއްވި ބަސްދީގަތުމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހަދާނެ ފަރާތެއް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެ ފަރާތާއެކު އެގްރިމަންޓު ވެސް ހަދާފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުކުގައި މޭޔަރު ވިދާޅުވި ގޮތުގައި މާލެސިޓީ ކައުންސިލަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދާނެ އަދި ބަހެއް ބުނެފިނަމަ އެ ބަހެއްގެ އިތުބާރު ދަމަހައްޓާނެ ކައުންސިލެކެވެ.

“އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ އަޅުގަނޑުމެންނަކީ ވައުދެއްކޮށްފިނަމަ އެ ވައުދެއް ހަނދާނުގައި ދަމަހައްޓާ ބަޔަކީމު. އަދި ބަހެއް ބުނެފިނަމަ އެ ބަހެއްގެ އިތުބާރު ހިފަހައްޓާ ބަޔަކީމު.“

އެހެންނަމަވެސް “ކޭތަ ހިފުމުން އިރު ހަނދުގެ އަލިކަން ބިމަށް ފޯރަން ދަތިވާ ފަދައިން“ ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތިކުރާ ހަރުކަށި ހުރަސްތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުން އިންތިހާއަށް ދަތިވެފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް