އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް
މިލިޓްރީ ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިލިޓްރީ ގޮތުން އެމެރިކާއާއި ޗައިނާގެ ކުރިމަތިލުން ވެގެންދާނީ މުޅިދުނިޔެއަށް ކުރިމަތިވެގެންދާނޭ ވަރަށް ބޮޑު މުސީބާތަކަށެވެ.
ެއްވެސް ގައުމަކުން އެ ޙާލަތުގައި ބަލިވާކަށް ބޭނުމެއް ނުވާނެއެވެ. ތަޖްރިބާކާރުންގެ އިންޒާރަކީވެސް އެއީއެވެ.
ޗައިނާއިން ތައިވާނުގެ ހަނގުރާމައެއް ފަށައިފިނަމަ އަދި އެ ކަމުގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ވަރަށް ހިތި ތަޖުރިބާތަކެއް އެމެރިކާއިން ތަޙަންމަލް ކުރަންޖެހުމަކީ ވަރަށް އެކަށިގެންވާ ކަމެއް ކަމުގައި ތަޖްރިބާ ކާރުން ވިދާޅުވެއެވެ.
ރައީސް ޓްރަމްޕުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިފެންސް ޕޮލިސީ ޖޭމްސް އެންޑަރސަން ވިދާޅުވަނީ ފާއިތުވެގެންމިދާ ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން ވަޔާއި ކަނޑާއި ޖައްވީ ގިނަ ވަސީލަތްތަކެއް ވަރަށް ބޮޑަށް ބާރު ސްޕީޑެއްގައި ކުރިއަރުވާފައިވާ ކަމަށާއި އަދި ހަމަ އެފަދައިން ސައިބަރ އަދި މިސައިލްގެ ކުޅަދާނަކަން ވެސް ހިތަށްވެސް ނުގެނެވޭ މިންވަރަކަށް ކުރިއަރުވާފައިވާ ކަމަށް ހިތާމައާއިއެކުގައި ނަމަވެސް އެއްބަސްވާން ޖެހިފައިވާ ކަމަށެވެ. އެކަހަލަ ކުރިމަތިލުމެއްގައި އެމެރިކާއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވާނީ ތައިވާނާ އެމެރިކާގެ ދުރުމިނެވެ. ޗައިނާއިން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ފައުޖުތައް ރުކުރުވާލުމަކީ ވަރަށް ފަސޭހަކަމެކެވެ.
އެމެރިކާގެ އެއަރފޯސްގެ އެއަރ މޮބިލިޓީގެ ކޮމާންޑަރ 4 ތަރީގެ ޖެނެރަލް މައިކް މިނިހަން މިދިޔަ ހަފްތާގައި ލިއުއްވި މެމޯއެއްގައި ޗައިނާއާއި އެމެރިކާ 2025 ގައި ހަނގުރާމަ ކުރާނެކަމަށް ގަބޫލުކުރައްވާ ކަމަށް ބުނެފައި ވެއެވެ. އޭނާގެ އެވާހަކަ ބިނާ ކުރައްވާފައި ވަނީ ތައިވާނާއި އެމެރިކާގެ ކުރިޔަށް އޮތް އިންތިބަށް ރިޢާޔަތް ކޮށްފައެވެ.
މިފަދަ ޙާލަތަކަށް ދާއިރު ވަރުގަދަ ގުޅިފައިވާ ލަޝްކަރެއް އެ ރަށްތަކުގައި ތައްޔާރުކުރެވިފައި އޮންނަން ޖެހޭނެއެވެ. އަހަރެންގެ ދުޢާއަކީ އަހަރެންގެ މިބަސް ޙަގީގަތަކަށް ނުވުމެވެ.
ސީ. އައި. އޭ. ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ވިދާޅުވެފައިވަނީ 2027 ގެކުރިން ޗައިނާގެ ފައުޖުތައް ތައްޔާރީ ޙާލަތުގައި ތިބުމަށް ރައީސް ޝީ އަންގަވާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ޖޭމްސް އެންދަރސަންއެކޭ އެއްފަދައިން އެމެރިކާގެ ނޭޝަނަލް ބިއުރޯ އޮފް އޭޝިއަން ރިސާރޗުގެ ސީނިއަރ އަޑްވައިޒަރ ހައިނޯ ކްލިންކް ދެކިވަޑައިގަންނަވާ ގޮތުގައިވެސް އެމެރިކާއާއި ޗައިނާގެ ކުރިމަތިލުމެއްގައި ދިމާވެދާނެ ގޮތްތަކެއް ބުނެދޭކަށް ނޭންގެއެވެ. އޭގެ ވަރަށްބޮޑު ބައެއް ލެނބިފައި އޮންނާނީ ވަގުތާއި ޙާލަތުގެ މައްޗަށެވެ. ބައެއް ގޮތްގޮތުން ޗައިނާއަށް ކުރިއެރުން ލިބދާނެކަމަށް ބެލެވޭއިރު އެމެރިކާއަށް ކުރި ލިބިދާނެ ޙާލަތުތަކެއްވެސް އެބަހުއްޓެވެ.
އެހެންނަމަވެސް އެމެރިކާއޮތް ދުރުމިން އެއްވެސްގޮތަކުން ކައިރިކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ޗައިނާއޮތީ ތައިވާނާއި 100 ވަރަކަށް މޭލުގައެވެ.
މިއީ ދެކޮޅުވެރިކަމެއްގައި އެންމެ ކަންބޮޑުވާން ޖެހޭނެ ޙަގީގީ މައްސަލައެވެ.
އެންޑަރސަން ފާހަގަކުރެއްވި އަނެއް މައްސަލައަކީ ޔޫކްރެއިން ހަނގުރާމައަށް ގިނައަދަދަކަށް އެންމެފަހުގެ ކޮންވެންޝަނަލް މިސައިލް ފޯރުކޮށްދިނުމުގެ ސަބަބުން އެމެރިކާއިން ޗައިނާއާއެކު ކުމަތިލެވޭ ދެކޮޅުވެރިކަމެއްގައި އިސާހިތަކު އެމެރިކާގެ އެފަދަ ހަތިޔާރު ހުސްވެދާނެއެވެ.
މިދިޔަ އޮކްޓޯބަރ މަހުގައިވެސް އެމެރިކާއިން ޔޫކްރެއިނަށް އަންގާފައި ވަނީ އެގައުމުން ބޭނުންވާވަރަށް އެފަދަ ހަތިޔާރު ފޯރުކޮށްދެވެން ނެތް ކަމަށެވެ. ޙަގީގަތަކީ ޔޫކްރެއިނަށް ގިނަ އަދަދަކަށް ފަހުގެ ހަތިޔާރު ފޯރުކޮށް ދިނުމުގެ ސަބަބުން އެމެރިކާގެ ހަތިޔާރު ގުދަންތައް ހުރީ ދޮވެ ސާފުކުރަން ޖެހިފައެވެ. އެއްގޮތަކުން މާ ގޯހެއް ނޫނެވެ. ހުރިހާ ދަބަރުޖަހަން ކައިރިވެފާ ހުރި ހުރިހާ ހަތިޔާރެއް ވިއްކާލެވުނީއެވެ.

ހަމައެހެންމެ މިހާރު އިސްރާއީލަށާއި ދެކުނު ކޮރެޔާގައި ބަހައްޓާފައިހުރި އެމެރިކާގެ ހަތިޔާރު އެތަންތަނުން ގެންނަން ރޭވުމުން އެމެރިކާގެ ޙަގީގީ ފެންވަރު ހާމަވެގެން ދާކަމަށް ކްލިންކް ވިދާޅުވިއެވެ.
މިކަމަށް އޮތް ޙައްލަކީ މިހާރުއްސުރެން އެ ސަރަޙައްދުގައި ތިބި އެކުވެރި ގައުމުތަކުގައި އެމެރިކާގެ ހަތިޔާރުތައް ޖަމާކުރުމެވެ. އެކަމަކު މިހާރު އެކަންވެސް ކުރެވޭނެގޮތެއް ނެތެވެ.
މިހުރިހާ ކަމަކާއެކުގައިވެސް 1979 ގައި ޗައިނާއިން ވިއެޓްނާމުގެ ބޯޑަރުގައި ރުކުރުވާލި ލަޝްކަރަކީ އެމެރިކާގެ ލަޝްކަރާ ފައިހަމަކުރެވޭނެ ބަޔަކަށް ނުވުމާއި އަދި އެމެރިކާއާއި އެއްފެންވަރަށް ޗައިނާގެ ލަޝްކަރަށް ތަމްރީނު ލިބިފައެއްވެސް ނެތުން މިއީ ޗައިނާގެ ފަހަތުފައި ވަޅުޖަހާފައި އޮތުން ކަހަލަ ކަމަކަށް ވާނެއެވެ.
ޗައިނާގެ ބަސްމަގާއި ޢަމަލުތައްހުރީ އެމެރިކާއަށް ދޫދޭގޮތަކަށް ނޫނެވެ.