ސްރީލަންކާގެ 75 ވަނަ މިނިވަންދުވަސް

Loading

Facebook
Twitter
WhatsApp

އިއްޔެއަކީ ( 2023 ފެބްރުއަރީ 4 ) އަވަށްޓެރި ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް މިނިވަންދުވަހުގެ ސަލާމާއި ތަހްނިޔާ ފޮނުވަމެވެ.     

ސްރީލަންކާގެ އިގްތިސާދު ވެއްޓިފައިވާ އަނދިރި ވަޅުގަނޑުގެ ސަބަބުން އެ ގައުމުގެ ވަރަށް ގިނަ ރައްޔިތުން ތިބީ އުފާ ފާޅުކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ ފާދިރީންނާއި ހާމުދުރުން ވަނީ ސްރީލަންކާގެ ވެރިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ އިހްތިފާލަށް ނުދާނެކަމަށް ބުނެފައެވެ. އަދި މިއީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރަން ޖެހޭނެ ޚަރަދެއް ނޫންކަމަށް ބުނެ ބައެއް އެކްޓިވިސްޓުންވެސް ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.          

ރައްޔިތުން ރުޅިވެރިކަމާއި ބުޑިސްޓުންނާއި ނަސާރާ ދީނުގެ އިލްމުވެރިން ނުރުހުން ފާޅުކުރަމުން ގެންދިޔަ ނަމަވެސް ކޮޅުނބުގެ މައިމަގުތަކުގައި ސިފައިން މިލިޓްރީ ހަތިޔާރާއެކު ޕެރޭޑްކުރުމާއި ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި ބުރުޖެހުމާއި އަދި ސްރީލަންކާގެ ޖައްވުގައި ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތައް އުދުހުން އިހްތިފާލު ކުރަމުން ގެންދިޔައެވެ.  

ނަސާރާއިންގެ ފާދިރީ ރެވް. ސިރިލް ގާމިނީ ދެކިވަޑައިގަންނަވާ ގޮތުގައި އިނގިރޭސީން އަތުން މިނިވަންކަން ލިބުން މިއަދު ފާހަގަކުރަމުން މިގެންދާ އިހްތިފާލަކީ ގައުމު މިއޮތް ޙާލަތުގައި “ ކްރިމިނަލް ވޭސްޓް “ އެކެވެ.  

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ކިބުރުވެރި ކަމާއެކު 200 މިލިއަން ރުޕީސް ޚަރަދުކުރުމާ ދޭތެރޭ ގާމިނީ ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވީ ރައްޔިތުންގެ ފައިސާ މިގޮތަށް އިސްރާފު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި ގައުމުގެ އެއްވެސް ފާދިރީއަކު އެ ޙަފްލާގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ.  

ސްރީ ލަންކާގެ 22 މިލިއަން ރައްޔިތުންގެ އާބާދީގައި ނަސާރާއިންނަކީ ހަމައެކަނި %7 އެވެ. އެހެންނަމަވެސް ފައްޅިތަކުގެ ބަހަކީ އަބަދުވެސް މި ގައުމުގައި ވިކޭ ބަހެއް ކަމުގައި އޭނާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ވަރަށް އިސް ހާމުދުރަކު ކަމުގައިވާ ރެވް. އޮމާލްޕޭ ސޮބިތާ ވިދާޅުވީ މިނިވަންދުވަހުގެ އިޙްތިފާލުގެ ބޭނުމަކީ އެހެން ގައުމުތަކުން ގެނެސްފައި ހުރި ހަތިޔާރުތަކެއް ރައްޔިތުންނަށް ދައްކާލުން ކަމަށެވެ.

ސްރީލަންކާގެ ދަރަނިތަކުގެ ތެރެއިން މިއަހަރު އަދާކުރަންޖެހޭ ގާތްގަނޑަކަށް 7 ބިލިއަން އެމެރިކާ ޑޮލަރު ދެއްކޭނެގޮތެއް ނެތިގެން ދުނިޔޭގެ މާލީ އިދާރާއާއި އެކު ދެކެވެމުންދާ ވާހަކަތަކުގެ ނަތީޖާއަކަށް ބަލަން މިހާރު އޮތީ ފަސްކޮށްފައެވެ. ގައުމުގެ ދަރަނީގެ ޖުމުލަ 51 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު 2027 ވަނަ އަހަރުގެ ކުރިން 28 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެއެވެ.  

ރައީސް ރަނިލް ވިކްރަމަސިންހ ގެ ރިޔާސަތުގައި ކޮންމެވެސް ވަރެއްގެ އިގްތިސާދީ ކުރިއެރުމެއް ފެންނަ ކަމަށް ހީކުރެވުނަސް މިހާރުވެސް ތެޔޮ ލިބުން ދަތިކަމާހުރެ ދޭތެރޭ ދޭތެރޭން ކަރަންޓު ކަނޑާލަން ޖެހުމާއި ސަރުކާރުގެ މުއައްޒިފުންނަށް މުސާރަދެވޭނެ ގޮތެއް ހޯދުން ޚަޒާނާއަށް ވަނީ ބޮޑު ބުރައަކަށް ވެފައެވެ.

ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަނދިރިކަމުން ނިކުތުމަށްޓަކައި އިންކަމްޓެކްސް ނަގާ މިންވަރު އިތުރުކުމާއި ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ދެލައްކައަށް އިތުރު ކުރި ސިފައިންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުންފަދަ ރައްޔަތުންގެ ރުހުން ނުލިބޭނެފަދަ ގިނަ ފިޔަވަޅު ތަކެއް މިހާރު ވަނީ ތަޢާރުފް ކުރެވިފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް